ޖަރުމަނު ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ޕެރަގުއޭ ޖާގަ ހޯދުމުން އެގައުމުގެ ރައްޔިތުންނަށް މިއަދަކީ ޗުއްޓީ ދުވަހެއްގެ ގޮތުގައި، ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕޭނާ ކަނޑައަޅުއްވައިފި އެވެ.
ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި ޖަރުމަނުގެ މައްޗަށް ޕެރަގުއޭ އިން ކުރި ހޯދީ ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ. މިއީ 2010 ވަނަ އަހަރަށް ފަހު ޕެރަގުއޭ އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަދި މިއީ 2002 ވަނަ އަހަރަށް ފަހު އެޓީމުން ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެ އެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޕެރަގުއޭގެ ރައީސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދަކީ އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ހާމަކުރައްވާފަ އެވެ.
ޕެރަގުއޭގެ ގާނޫނު ބުނާ ގޮތުން އަހަރެއްގެ ތެރޭގައި ޗުއްޓީ ދުވަހުގެ ގޮތުގައި ތިން ދުވަސް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ. އެގޮތުން ޕެރަގުއޭ ވޯލްޑް ކަޕުން ޖާގަ ހޯދުމުން ވެސް އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ދީފައިވެ އެވެ.
ގަދަ 16 ގައި ޕެރަގުއޭ އިން ބައްދަލުކުރާނީ ފްރާންސް އާއި ސްވިޑެން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.