ޕެނަލްޓީގައި ނެދަލޭންޑްސް 3-2 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް މޮރޮކޯ ދަތުރުކޮށްފި އެވެ.
މިއީ ވޯލްޑް ކަޕްގެ ގަދަ 16 އިން މޮރޮކޯ ޖެހިޖެހިގެން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ ވަނީ މުބާރާތުގެ ސެމީފައިނަލާއި ހިސާބަށް ދަތުރުކޮށްފަ އެވެ.
މުބާރާތުގެ ގަދަ 16 ގައި މޮރޮކޯ ބައްދަލުކުރާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ އެވެ. ކެނެޑާ ގަދަ 16 އިން ޖާގަ ހޯދީ ނޮކައުޓް ފުރަތަމަ ބުރުގައި ދެކުނު އެފްރިކާ 1-0 އިން ބަލިކޮށްގެންނެވެ.
މެކްސިކޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ދެ ޓީމުން ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން ހަމަލާތައް ދިފާއުކުރުމުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ހުޝިޔާރުކަން މި ހާފުގައި ވަނީ ފެނިގެން ގޮސްފަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ އަށް ލީޑު ނަގައިދޭން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ނެދަލޭންޑްސްގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭގެ ފަހުން ވެސް ހަކީމީއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް ހަމަލާ ފޮނުވާލުމުގެ ކުރިން، ފަހަތުން އައިސް، ނެދަލެންޑްސް ޑިފެންޑަރު މިކީ ވެން ޑެ ވެން ވަނީ ބޯޅަ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ނެދަލޭންޑްސަށް ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. މި ގޯލާއެކު ނެދަލޭންޑްސް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި އިސާ ޑިއޮޕް ވަނީ މޮރޮކޯއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ނެދަލޭންޑްސްގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް މުޅިން ހުހަށް ހުރެ ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 90 މިނެޓް ކުޅެ ނިމުނުއިރު ނަތީޖާއަށް ބަދަލެއް އައިސްފައި ނުވުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުމެވެ. އެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފްގެ ކުރީކޮޅު މޮރޮކޯގެ ފޯވާޑް ރަހީމީ ނެދަލޭންޑްސްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނުރައްކާތެރި ހަމަލާ މަތަކުރީ ނެދަލޭންޑްސްގެ ކީޕަރު ވާބްރުގެން އެވެ.
އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.
ޕެނަލްޓީގައި ނެދަލޭންޑްސްގެ ޖަސްޓިން ކްލައިވެޓް އާއި ކުއެންޓިން ޓިމްބާ އަދި ސަމަވިލް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެ އެވެ. ނެދަލޭންޑްސްގެ ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކޫޕްމެއިނާސްގެ އިތުރުން ވެގޯސްޓް އެވެ. މޮރޮކޯއިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އަނައޫއީ އާއި ކެޕްޓަން ހަކީމީ ފޮނުވާލި ޕެނަލްޓީ އެވެ. މި މެޗުން މޮރޮކޯ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެރިއަރުގެ ބޮޑުބައި ނެދަލޭންޑްސްގެ ކްލަބަކަށް ކުޅުމުގައި ހޭދަކުރި ފޯވާޑް އިސްމާއިލް ސައިބާރީ އެވެ.