ޗައިނާގެ އެހީގައި ހަދަން ނިންމާފައިވާ މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރު ކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައްލަވާލައްވައިފި އެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތް އިއްޔެ ބައްލަވައިލެއްވުމަށް މިނިސްޓަރު އާޓިފިޝަލް ބީޗު ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މިނިސްޓަރިގެ އަރިހުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސާވޭ ޓީމުގެ ބޭފުޅުން ވަނީ މަސައްކަތްތަކުގެ އިތުރުން މަގު ޑިޒައިން ކުރުމާ ގުޅޭ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، މިނިސްޓަރާއި ސަފީރާ ހިއްސާކޮށްފައިވެ އެވެ.
މީޑިއާތަކަށް މިނިސްޓަރު ވިދާޅުވީ، މަގުތަކުގެ ޑީޓެއިލް ޑިޒައިން މަސައްކަތުގެ ތެރޭގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ އިތުރުން ދެން ހުރި މައްސަލަތަކަށް ގެނެވޭނެ ޙައްލުތައް ވެސް ބަލައި ދިރާސާ ކުރާނެ ކަމަށެވެ. މި ސާވޭގެ މަސައްކަތް ފެށީ މި މަހުގެ ފަހުކޮޅު އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.