Last Updated: June 30, 21:19
Tuesday, June 30, 2026
ކުޅިވަރު

މޮރޮކޯ ކުރިއަށް، ކުޅުންތެރިން ތިރިވީ ޝުކުރުގެ ސަޖިދައަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދުމަށްފަހު މޮރޮކޯގެ ކުޅުންތެރިން އުފަލުން ސަޖިދަ އަށް ދިޔަ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 އިން މޮރޮކޯ ޖާގަ ހޯދީ ނޮކައުޓް ފުރަތަމަ ބުރުގައި ޕެނަލްޓީގައި ނެދަލޭންޑްސް 3-2 އިން ބަލިކުރުމަށްފަހު އެވެ. މިއީ ވޯލްޑް ކަޕްގެ ގަދަ 16 އިން މޮރޮކޯ ޖެހިޖެހިގެން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ ވަނީ މުބާރާތުގެ ސެމީފައިނަލާއި ހިސާބަށް ދަތުރުކޮށްފަ އެވެ.

މޮރޮކޯ ކުޅުންތެރިން މެޗަށްފަހު ޝުކުރުގެ ސަޖިދަ އަށް ތިރިވެ، ސަޕޯޓަރުންނާއެކު ވަނީ އުފާފާޅުކުރުމުގައި ބައިވެރިވެފަ އެވެ. މޮރޮކޯ ކުޅުންތެރިން ސަޖިދަ އަށް ދިޔަ މަންޒަރު އެތައް ކެމެރާއަކަށް އަރާފައިވާއިރު، މިއަދުގެ އެންމެ ރީތި ފޮޓޯއަކީ ވެސް މިއީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މުބާރާތުގެ ގަދަ 16 ގައި މޮރޮކޯ ބައްދަލުކުރާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ އެވެ. ކެނެޑާ ގަދަ 16 އިން ޖާގަ ހޯދީ ނޮކައުޓް ފުރަތަމަ ބުރުގައި ދެކުނު އެފްރިކާ 1-0 އިން ބަލިކޮށްގެންނެވެ.