Last Updated: June 30, 21:19
Tuesday, June 30, 2026
ރިޕޯޓް

ސޯޝަލް ހައުސިން؛ ރާއްޖޭގައިި ފޭރުމުގެ ނިޒާމެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ ހިތަދޫގައި އެޅި ފްލެޓްތައް.

ދިވެހިރާއްޖޭގެ އިޖުތިމާޢީ ފޭރާމަށް ބަލާއިރު، ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް، މި ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެކުލަވައިލި "ސޯޝަލް ހައުސިން" ނިޒާމު މިއަދު ފެންނަނީ، ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ނިކަމެތި ރައްޔިތުންގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ވަސީލަތެއްގެ ގޮތުގަ އެވެ.

ހަގީގަތުގައި މި ނިޒާމު ބޭނުންކުރެވެމުންދަނީ ނުފޫޒުގަދަ މުއްސަނދިންނަށް އިތުރު މާލީ މަންފާ ހޯދައިދޭ "ބޮޑު އޮޅުވާލުމެއްގެ" ތެރެއިންނެވެ.

މި ނިޒާމުގެ ހިންގުން ބައްޓަންވެފައިވާ ގޮތަށް ބަލާއިރު، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ހެޔޮ އަގުގައި ދޫކުރާ ފުލެޓުތައް ގިނަ ފަހަރަށް މިލްކުކުރަނީ ތަނަވަސްކަން ހުރި ފަރާތްތަކުންނެވެ. އެއަށްފަހު، އެ ތަންތަން އަސްލު ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދޫކުރަނީ އާދަޔާޚިލާފު ބޮޑު އަގުތަކުގައެވެ.

މިސާލަކަށް، ހިޔާ މަޝްރޫޢުގެ ފުލެޓުތަކަށް ބަލާއިރު، މީގެ ފަސް އަހަރު ކުރިން ކުލީގެ ގޮތުގައި ދައްކަންޖެހުނު 9000 ރުފިޔާގެ ބަދަލުގައި، މިއަދު އެތަންތަން އަމިއްލަ ފަރާތްތަކުން ކުއްޔަށް ހިފަންޖެހެނީ 20،000 އާއި 22،000 އާ ދެމެދުގެ އަގުތަކުގައެވެ. މިއީ ނިކަމެތި ރައްޔިތުން އިތުރަށް ބިކަކޮށް، އެމީހުންގެ އާމްދަނީން ނާޖާއިޒު ފައިދާ ނެގުމުގެ އަމަލެކެވެ.

މީގެ އިތުރުން، މިފަދަ ބޮޑު އަގުގައި ކުއްޔަށްދޭ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ މަހު ކުލި ނުދައްކާކަން ފާހަގަކުރެވެއެވެ. އެފަދަ ފަރާތްތަކުން ސިޔާސީ ނުފޫޒާއި އެކި އުކުޅުތައް ބޭނުންކޮށްގެން ފައިސާ ނުދައްކައި ސަލާމަތްވާއިރު، އޭގެ ހިތްދަތިކަން އުފުލަންޖެހެނީ ހަގީގީ ފަގީރު ރައްޔިތުންނެވެ. މިއީ ދައުލަތުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ މީހާ، މުއްސަނދިންނަށް ޖިޒީ ދައްކަން މަޖުބޫރު ކުރުވާ ފަދަ އިންސާފުން އެއްކިބާވެފައިވާ ނިޒާމެކެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަކީ ކުރެވިދާނެ ކަމެއް ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކުން އެފަދަ އިޚްލާޞްތެރި މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިކަން އިޞްލާޙުކުރުމަށްޓަކައި، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރާ ތަންތަނުގައި ދިރިއުޅެން ވާނީ ހަމައެކަނި އެތަނުގެ ހަގީގީ ވެރިފަރާތް ކަމުގައި ކަނޑައަޅަން ޖެހެ އެވެ. އަދި އެތަންތަނަށް ދައްކަން ޖެހޭ ފައިސާ އަކީ ސީދާ ދައުލަތަށް ދައްކާ އެއްޗަކަށް ވެސް ހަދަން ޖެހެ އެވެ. މީގެ އިތުރުން ވެސް ސޯޝަލް ހައުސިންގގެ މަޤްޞަދާ ޚިލާފަށް، ވިޔަފާރި އުޞޫލުން ބޮޑު އަގުގައި ކުއްޔަށްދޭ ފަރާތްތަކުގެ އަތުން އެ ތަންތަން ވަގުތުން އަތުލުމުގެ ޤާނޫނީ ބާރު ވެސް ސަރުކާރަށް އޮންނަން ޖެހެ އެވެ.

ފާހަގަކޮށްލަން ޖެހޭ ޙަގީގަތަކީ، ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ޙައްޤެއް ކަމެވެ. އެ ޙައްޤުގެ ނަމުގައި ވަކި ބަޔަކަށް މުއްސަނދިކަން ހޯދައިދީ، އާންމު ރައްޔިތުން ނިކަމެތިކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދައުލަތުން މިކަމުގައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، ސޯޝަލް ހައުސިން އަކީ ހަގީގަތުގައި ވެސް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އޮތް ފުރުޞަތަކަށް ހަދަން ޖެހެ އެވެ