Last Updated: June 30, 21:19
Tuesday, June 30, 2026
މުނިފޫހިފިލުވުން

ސަނީގެ 'އިއްކާ' ގެ ޓްރެއިލާ އާންމުކޮށްފި

ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާ މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމު 'އިއްކާ' ގެ ޓްރެއިލާ ދައްކާލައފި އެވެ.

އަންނަ މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ނިންމާފައިވާ ފިލްމަކީ ސިނަމާތަކަށް ނުގެނެސް ސީދާ ސްޓްރީމިން އަށް ދޫކޮށްލާ ސަނީގެ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމަކީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު 'ދުރަންދަރު' ގައި ކުޅުނު ވަރުގަދަ ރޯލަށް ފަހު، ބެލުންތެރިންްނާ ހަމައަށް އަންނަ އަކްޝޭގެ ފުރަތަމަ ފިލްމެވެ.

ކޯޓް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ 'އިއްކާ' އިިން ސަނީ ވަކީލެއްގެ ރޯލުން ފެނިގެންދާ އިރު، މީގެ ކުރިން ވެސް ހަމަ މި ކަހަލަ ރޯލެއް ކުޅެގެން އޭނަ އަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. އެއީ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ 1993 ގެ ކާމިޔާބު ލިގަލް ޑްރާމާ 'ދާމިނީ' ގައި ކުޅުނު ވަކީލުގެ ރޯލުވެ. އެ ފިލްމުގައި ދައްކުވައި ދިން މޮޅު އެކްޓިންގެ ސަބަބުން ސަނީ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑްގެ އިތުރުން ފިލްމުފެއާގެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.

ސަނީ އާއި އަކްޝޭގެ އިތުރުން 'އިއްކާ' ގެ ކާސްޓުން ދިއާ މިރްޒާ، ސަންޖީދާ ޝައިހް، އަކަންކްޝާ ރަންޖަން ކަޕޫރް އަދި ތިލޮތާމާ ޝޯމް ފަދަ ފަންނާނުން ފެންނާނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ސިދާތު ޕީ މަލްއުތުރާ އެވެ. އޭނަ އަކީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ ރާނީ މުކަރްޖީގެ 2018 ގެ 'ހިޗްކީ' ގެނެސްދިން ޑައިރެކްޓަރެކެވެ. ސިދާތުުގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ތައާރަފުވެގެން ދިޔަ ނެޓްފްލިކްސްގެ 2024 ގެ 'މަހާރާޖް' އެވެ.

ސަނީގެ 'އިއްކާ' އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޭނަގެ ބަޓްވާރާ 1947 އޮގަސްޓް 14 ގައި ސިނަމާތަކަށް ގެންނާނެ އެވެ.

ސަނީގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު 'ބޯޑާ 2' އެވެ.