Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ޕީއެންއެފްގެ ކަންބޮޑުވުންތައް އީސީ އަށް

ޕާޓީއަށް މީހުން ވެއްދުމުގައި ހުރި ދަތިތަކާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ހުންނަ ޕާޓީތަކުގެ މައުލޫމާތު ލީކުވާ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާ ހިއްސާކޮށްފި އެވެ.

ކަންބޮޑުވުންތައް ހިއްސާކުރަން އިއްޔެ އީސީއާ އެކު ބޭއްވި ބައްދަލުވުގައި ބައިވެރިވެވަޑައިގަތީ ޕީއެންއެފްގެ ސެނެޓް މެންބަރުންނެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށް ތިއްބެވީ ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މުހައްމަދު މަލީހް ޖަމާލެވެ.

އީސީއާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީން ބުނީ ޕާޓީއަށް މެންބަޝިޕު އިތުރުކުރެވެން މިހާރު އޮންނަނީ ހަމައެކަނި އީފާސް މެދުވެރިކޮށް ކަމަށްވާތީ، އުމުރުން ދުވަސްވީ މީހުންނަށް އެކަމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާތީ އެކަމުގެ ކަންބޮޑުވުން ކޮމިޝަނާ ހިއްސާކުރި ކަމަށެވެ. އަދި މިހާރު ވެސް ގިނަ މީހުން އީފާސް ބޭނުން ނުކުރުމާއި ބޭނުންކުރާ މީހުންގެ ތެރެއިން ވެސް ބައެއް ފަރާތްތަކުން އީފާސްގެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދިޔުމުގައި ދަތިތައް ކުރިމަތިވާކަންކަން އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، އީސީގައި ހުންނަ ޕާޓީތަކުގެ މައުލޫމާތު ލީކުވާ މައްސަލައިގައި ކަންބޮޑުވުން ވެސް ކޮމިޝަނާ ހިއްސާކޮށްފައިވެ އެވެ.

ޕީއެންއެފުން ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެން ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭބް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އީސީން ދިން ކަމަށް އެ ޕާޓީން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީއެންއެފަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީކޮށް ދިން ޕާޓީ އެވެ. އެ ޕާޓީ ރަޖިސްޓްރީކުރީ 2024 ގަ އެވެ.

ޕީއެންއެފަކީ އެމްޑީޕީ ފިޔަވައި މިހާރު އިދިކޮޅުގައި އޮތް ޕާޓީ އެވެ.