Last Updated: July 11, 02:36
Friday, July 10, 2026
ޚަބަރު

"ކްރިއެޓޯލް" ލޯންޗްކޮށްފި

ގައުމީ ޑިޖިޓަލް ޕްލެޓްފޯމް "ކްރިއެޓޯލް" ލޯންޗްކޮށްފި އެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އުފެއްދި އެ ޕްލެޓްފޯމް އިއްޔެ ރަސްމީކޮށް ލޯންޗްކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ އިބްރާހީމް ޝިއުރީ އާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދެވެ.

"ކްރިއެޓޯލް" އަކީ ދިވެހި ކޮންޓެންޓް ކްރިއޭޓަރުން ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ މުހިންމު ފާލަމެކެވެ. މި ޕްލެޓްފޯމްގެ އެހީގައި، ސަރުކާރުގެ އިދާރާތަކަށާއި، ރާއްޖެއިން ބޭރުގެ އެމްބަސީތަކުގެ އިތުރުން ޓޫރިޒަމްގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކަމާ އެކު ދިވެހި ވިޝުއަލް އަދި ސަގާފީ އުފެއްދުންތައް ލިބޭނެ މަގު ތަނަވަސްވެގެން ދާނެ އެވެ.

ވީއެމްސީން ބުނީ މީގެ ކުރިން ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ހޯދުމުގައި އަމަލުކުރަމުން އައީ އުނދަގޫ މެނުއަލް ނިޒާމަކުން ކަމަށެވެ. ނަމަވެސް އާ ޕްލެޓްފޯމްގެ ސަބަބުން އަބަދުވެސް އާވަމުން އަންނަ ކޮންޓެންޓްތައް އެންމެ ޒަމާނީ ފެންވަރުގައި ފޯރުކޮށް ދެވޭނެ ކަމަށެވެ.

"ކްރިއެޓޯލް" މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ބޭރު ދުނިޔެއަށް ދައްކާލުމުގެ މަސައްކަތްކުރާ ފަންނާނުންނަށް މާލީ ފައިދާތަކެއް ލިބޭނެ އެވެ.

އެގޮތުން މި ޕްލެޓްފޯމްގެ މާކެޓްޕްލޭސްގައި ބައިވެރިވާ އުފެއްދުންތެރިންނަށް އެމީހުންގެ އަމިއްލަ ވެރިފައިޑް ޕްރޮފައިލްތައް ހަދައި، މަސައްކަތްތަކުގެ އަގު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު ލިބެއެވެ. އަދި މަސައްކަތުގެ މިލްކުވެރިކަން އުފެއްދުންތެރިޔާއަށް ކަށަވަރުކޮށްދޭ މި ނިޒާމުގެ ތެރެއިން، މާކެޓަށް ޒިޔާރަތްކުރާ ކްލަޔަންޓުންނަށް ހިލޭ ލިބޭ ކޮންޓެންޓްތައް ޑައުންލޯޑްކުރުމާއި ފީއެއް ދައްކައިގެން ލައިސަންސާ އެކު ގަނެވޭނެ އުފެއްދުންތައް ފެންނަން ހުންނާނެކަމަށް ވީއެމްސީން ބުންޏެވެ.

މި ޕްރޮޖެކްޓްގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ވެސް ހިއްސާވެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބް ވިދާޅުވީ ވޭތުވެ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި ރައްކާކުރެވިފައިވާ އެ މުއައްސަސާގެ މުއްސަނދި އޯޑިއޯ/ވިޝުއަލް ޑިޖިޓަލް އާކައިވްގެ ބައެއް މެޓީރިއަލްތައް ވެސް މި އެއްބަސްވުމުގެ ދަށުން "ކްރިއެޓޯލް" މެދުވެރިކޮށް އާންމުންނަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.