އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގު ހެޔޮކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަަމަށް ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭނަ ވިދާޅުވީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓުގެ އަގުހެޔޮ ކުރަން ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އައިލެންޑް އޭވިއޭޝަނުން ބޭނުންކުރާ އޭޓީއާރު މަތިންދާބޯޓްތައް އޮޕަރޭޓް ކުރަން ހިނގާ ހަރަދު ބޮޑުވުން ކަމަށެވެ.
މީގެ އިތުރުން މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ތެލަށް ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވުމަކީ ޓިކެޓްގެ އަގު ހެޔޮކުރަން ހުރި ގޮންޖެހުންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ކުރަން ޖެހޭ ހަރަދުތަށް ބަލާ އިރު ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް އަގު ނިސްބަތުން ބޮޑު ނޫން ކަމަށެވެ.
"އެއާލައިންތަކުން ގާތްގަނޑަކަށް 30 ނޫނީ 40 ޕަސެންޓް ޓިކެޓް ފެއާ މައްޗަށް ގޮސްފި [ހަނގުރާމައާއި ގުޅިގެން]." އޭނަ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވުމުން ދަތުރުފަތުރު ކުރާ މީހުންގެ އަދަދު މަދުވުމަކީ ވެސް ޓިކެޓުގެ އަގު ދަށްކުރުމަށް އޮތް ދައްޗެއް ކަމަށެވެ.
މޯލްޑިވިއަންގެ އިތުރުން ރާއްޖޭގައި އަމިއްލަ ދެ އެއާލައިނަކުން ވެސް އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެ އެވެ. އެއީ ވިލާ އެއާ އާއި މަންޓާ އެއާ އެވެ.
ނަމަވެސް ދަތުރުތަކުގެ އަގުތައް ބޮޑުވުމަކީ ވަރަށް ގިނަ ބައެެއްގެ އަބަދުގެ ވެސް ޝަކުވާއެކެވެ.