ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އިންވެސްޓްމަންޓްސް" ގެ ނަމުގައި ހިދުމަތެއް ތައާރަފުކޮށްފި އެވެ.
މިއީ ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ޑޮލަރު މާރުކުރަން ހުޅުވައިލި ފުރުސަތެކެވެ.
ބީއެމްއެލްގެ މީޑިއާ ޕާޓްނަރުންނާ އެކު މިއަދު ހޮޓެލް ޖެންގައި "ޗެޓު ވިތު ސީއީއޯ" ނަމުގައި ބޭއްވި އިވެންޓެއްގައި އެ ހިދުމަތް ތައާރަފުކޮށްދެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ މުހައްމަދު ޝަރީފެވެ.
އޭނަ ވިދާޅުވީ މިއީ ބޭންކަށް ދިމާވެފައިވާ ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކޮށް، ވަކިން ހާއްސަކޮށް ބޭންކުން ކުރާ ކާޑުގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް ތައާރަފުކުރި ކަމެއް ކަމަށެވވެ.
ގައުމީ ބޭންކުން މި އިންވެސްޓްމަންޓު ހިދުމަތް އޮންނަ ގޮތުން އިންވެސްޓުކުރަން ބޭނުންވާ މީހަކު ޑޮލަރު އިންވެސްޓުކުރުމުން އެމްއެމްއޭގެ ރަސްމީ ރޭޓު ކަމަށްވާ 15.42ރ. ގައި ދިވެހި ރުފިޔާ ލިބެ އެވެ. އަދު މި ފައިސާ ބީއެމްއެލުން ބޭނުންކުރަނީ ކާޑު ޓްރާންސެކްޝަންތައް ފީ ލިބޭ މުއާލަމާތްތައް ފުރިހަމަކުރުމަށެވެ.
އެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް ފަހު 25 ޕަސެންޓު، އިންވެސްޓަރުންނަށް ރުފިޔާއިން ބީއެމްއެލުން ޖަމާކޮށް ދޭނެ އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މިއީ ބީއެމްއެލްއަށާއި އިންވެސްޓަރުންނަނާއީ އަދި އާންމުންނަށް ވެސް ފައިދާ ވާނެ ހިދުމަތެެކެވެ. އޭނަ ވިދާޅުވީ މީގެ ސަބަބުން ބޭންކަށް ކާޑުގެ މުއާމަލާތްތައް ހުއްޓުމަަކަށް ނުގެނެސް އަދި ބަޖެޓު ނުކޮށް އިތުރަށް މި މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ވަސީލަތަކަށް ވާނެ ކަމަށް ގަބޫލުކު ކުރައްވާ ކަމަށެވެ.
ބީއެމްއެލުން އިންވެސްޓުކުރާ ޑޮލަރުތަކަށް ދިވެހި ރުފިޔާއިން އަގު ދިނުމުން ފައިދާގެ ގޮތުގައި ލިބޭ 25 ޕަސެެންޓަށް ޖެހޭ އަގަކީ ޑޮލަރަކަށް 19.30ރ. އެވެ.