'ނަމެއްގައި' ހުޅުވާފައި އޮތް އައްޑޫ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އޮޕަރޭޝަން އަންނަ މަހުގެ މެދުތެރޭ ހިސާބުގައި ފުޅާކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ޖުލައި މަހުގެ މެދުތެރެއަށް ދާއިރު ޝަންގްރިއްލާރިސޯޓުގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށެވެ. އަދި އެކަމާ ރިސޯޓުގެ އިސްވެރިންނާ މަޝްވަރާ ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ސައިޒެއްގަ އޮޕަރޭޝަންސް މި އަންނަ މަހުގެ މެދުތެރެއަށް ދާނެ އިނގޭތޯ." އަމީން ވިދާޅުވި އެވެ.

ޝަންގްރިއްލާ ބަންދުކުރީ ކޮވިޑްގެ ވަބާގައި 2020 ގެ ތެރޭގަ އެވެ. އަދި އޭގެ ފަހުން އެ ރިސޯޓް އަލުން ހުޅުވީ މިދިޔަ އަހަރުގެ ޑިސެންބަރު 30 ގަ އެވެ. އެކަމަކު އެއީ މުޅި ރިސޯޓްގެ އޮޕަރޭޝަން ހިމެނޭ ގޮތަކަށް ނޫނެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނުނު ޝަންގްރިއްލާ އަކީ ޖުލައި 31، 2009 ގައި ހުޅުވި ރިސޯޓެވެ. މި ރިސޯޓަކީ ގަން އެއާޕޯޓުން ލޯންޗްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ހިސާބުގައި އޮންނަ ރިސޯޓެކެވެ. އެ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ރިސޯޓްގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.