Last Updated: June 30, 21:19
Tuesday, June 30, 2026
ދުނިޔެ

ޗައިނާގެ މަހުޖަނަކު 30 އަހަރަށް ޖަލަށް

އެމެރިކާގައި ދިރިއުޅެމުން އަންނަ ޗައިނާގެ މަހުޖަނަކު 30 އަހަރަށް ޖަލަށް ލާން އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މަކަރާއި ހީލަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ނިއު ޔޯކްގެ ކޯޓުން ހުކުމްކުރީ ގުއޯ ވެންގްއީގެ މައްޗަށެވެ. ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ރިއަލްސްޓޭޓް ވިޔަފާރި ވެސް ހިންގި ވެންގްއީ އަކީ ކުރިން ޗައިނާގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ.

އޭނަ އަމިއްލަ ގައުމު ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން 2017 ގަ އެވެ.
އޭގެ ފަހުން ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް މަސައްކަތްކޮށް، އެމެރިކާގައި އޭނަ ގެންދިޔައީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅު އޮންލައިން ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން އޭނަ ފޮލޯކުރާ ގިނަ އަދަދެއްގެ ބައެއްގެ އަތުން އިންވެސްޓްމަންޓްތަކަށާއި ކްރިޕްޓޯ ސްކީމަކަށް 2018-2023 އާ ދެމެދު ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު އެއްކޮށް ބޮޑު ސްކޭމެއް ހިންގާފައިވެ އެވެ. އަދި އެކަމުން އެއްކުރި ފައިސާ ގުއޯ ބޭނުން ކޮށްފައި ވަނީ އަމިއްލަ މުއްސަނދި ދިރިއުޅުމަށެވެ.

އެ ފައިސާ އަށް އޭނަ ބޮޑު ގެއަކާއި އެއް މިލިއަން ޑޮލަރުގެ ލަމްބޯގިނީ ކާރެއްގެ އިތުރުން 37 މިލިއަން ޑޮލަރުގެ ޔޮޓެއް ވެސް ގަނެފައިވެ އެވެ.