Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ހަންކެޑެ ތަރައްގީ ކުރުމުގެ އާ ޕްލޭން އިއުލާން ކުރަނީ

އައްޑޫ ހަންކެޑެ އިންޓަގަަރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ތަފުސީލުތަކެއް ދެތުން ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ހަންކެޑެއިގެ ތަފުސީލީ މަޝްރޫއެއް އިއުލާނުކުރެވި މަސައްކަތް ފެށޭނެ ގޮތަށް ކަންކަން ރޭވިގެން އޮތް އިއުލާން ކުރެވޭނެ ކަމަށެވެ.

ހަންކެޑެއިގައި 1،000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މިނިސްޓްރީން ބީލަމަށް ހުޅުވައިލި އެވެ. އޭރު ސަރުކާރުން ބުނެފައި ވަނީއަމާޒަކީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފެށުން ކަމަށެވެ.

ހަންކެޑެއިގައި ރިސޯޓަށް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލުމުން ތުރުކީ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެންބަރު މަހު އައްޑު އަށް ކުރެއްވި ދަތުރުގައި ރައްޔިތުންނާ ބައްދަލު ކުރަން އެ މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވިދާޅުވެފައިވެ އެވެ.

ރައީސް އޭރު ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ގައި މިނިސްޓްރީގެ ފަރާތުން ތުރުކީ ކުންފުންޏަކަށް އެވޯޑު ލެޓާ ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން އެ ކުންފުންޏަށް ފުރުސަތު ވެސް ދީފައިވާ ކަމަށެވެ.

ހަންކެޑެ ތަރައްގީ ކުރަން މި ސަރުކާރުން އެ މަޝްރޫއު 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ އަހަރުގެ އެޕްރީލް މަހުގެ 15 ގައިު ކުލަގަދަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އޭރު އެ ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.

ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ވާހަކަ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005 އިން ފެށިގެން ވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އެކަމަކު މިހާތަނަކަށް އެއްވެސް ސަރުކާރަކަށް މިކަން ހަގީގަތަކަށް ހަދައި ދެވިފައެއް ނުވެ އެވެ.