(ޖޫން 27 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ޚަވާރިޖުންގެ ހައްދުފަހަނަޅައި ދިއުން
ޚަވާރިޖުންނަކީ، މުއުމިނުންގެ އަމީރު ޢުޘްމާން ބިން ޢައްފާން -رضي الله عنه- ގެ މައްޗަށް ފިތުނަ އުފައްދައި، އެކަލޭގެފާނާ ދެކޮޅަށް ނުކުތް ބައެކެވެ. އެމީހުންގެ މިބަޣާވާތް އެންމެ ފުރަތަމަ ފެށުނީ ބަހުގެ ހަމަލާތަކުންނެވެ.
އެއީ ދޮގު ވާހަކަތައް ފެތުރުމާއި، ފިތުނަ އުފެއްދުމާއި، އުރެދުންތެރިވުމުގެ ތެރެއިންނެވެ. އޭގެ ފަހުން އަމަލީ ގޮތުން އެކަލޭގެފާނާ ދެކޮޅަށް ނުކުމެ، ގެކޮޅު ޙިޞާރުކޮށް، ހުތުރު އެއްޗެހި ކިޔައި، އެކަލޭގެފާނުގެ އަބުރުފުޅަށް އަރައިގަނެ، އެންމެ ފަހުން އެކަލޭގެފާނު ޝަހީދުކޮށްލިއެވެ.
އަނިޔާވެރިކަމާއި ޣަދަރުވެރިކަމާއެކު ޢުޘްމާންގެފާނު ޝަހީދުކޮށްލުމާއެކު ބޮޑެތި ފިތުނަތަކެއް ފާޅުވިއެވެ.
ޝައްކުތަކާއި ވަސްވާސްތަކުގެ ތޫފާންތައް އުފެދި، ހައްދުފަހަނަޅައި ދިއުމާއި، ހަރުކަށިކަމާއި، މުސްލިމުންގެ އަމާންކަން ނަގައިލާ ބިރުވެރިކަމުގެ ދިދަ އުފުލައިގެން ފިތުނަވެރިކަން ހަލުވިކަމާއެކު ފެތުރިގެން ދިޔައެވެ.
މިގޮތުން ޚަވާރިޖުންގެ ހަރުކަށިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ މުސްލިމުން ކާފަރުކުރުމުގައެވެ. އަދި މުއުމިނުންގެ އަމީރު ޢަލީ ބިން އަބީ ޠާލިބު -رضي الله عنه- އާއި މެދު އެމީހުން ގެންގުޅުނު ހަރުކަށި އުސޫލުތަކުންނެވެ.
ޚަވާރިޖުންގެ ހައްދުފަހަނަޅައި ދިއުމާއި ބިރުވެރިކަން އުފެއްދުމުގެ ސިފަތައް އެމީހުންގެ އިޢުތިޤާދީ އުސޫލުތަކުގެ ތެރެއިން ފެންނަން ހުރީ މިފަދަ ގޮތަކަށެވެ:
މުސްލިމުން ކާފަރުކުރުން: ވެރިންނާއި، ޢިލްމުވެރިންނާއި، އާންމު މުސްލިމުން ކުރެ މީހަކު ފާފައެއްކޮށްފި ނަމަ، އެމީހަކީ ކާފަރެއް ކަމަށް އެމީހުން ކަނޑައަޅަ އެވެ. މި ސަބަބާ ހުރެ ޢަލީގެފާނާއި، އޭގެ ކުރިން ޢުޘްމާންގެފާނާއި، މުޢާވިޔަތުގެފާނާއި އެބޭކަލުންނާ އެކު ތިއްބެވި ބޭކަލުންނަކީ ކާފަރުން ކަމަށް އެމީހުން ޙުކުމްކުރިއެވެ. އަދި ކޮންމެ ބޮޑު ފާފައެއް ކުރާ މުސްލިމަކީ އިސްލާމްދީނުން ބޭރުވެފައިވާ ކާފަރެއް ކަމަށާއި، އަލުން ދީނަށް ވަންނަން ޖެހޭނެ ކަމަށް އެމީހުން ދެކުނެވެ.
ކާފަރުކުރުމުގެ ނަތީޖާ: މީހަކު ކާފަރެއް ކަމަށް ކަނޑައެޅުމަށް ފަހު، އެމީހުންނާ ދެކޮޅަށް ކަނޑި އުފުލައި ހަނގުރާމަ ކުރުމާއި، އެ މީހުންގެ ލޭ އޮހޮރުވުމާއި، މުދަލާއި އަބުރު ފޭރިގަތުމަކީ ހަލާލު ކަމެއް ކަމުގައި އެމީހުން ހެދިއެވެ.
މީގެ އިތުރުން، ހިޖުރައިން ފުރަތަމަ ގަރުނުގެ ފަހުކޮޅާއި ދެވަނަ ގަރުނުގެ ކުރީކޮޅު، އެމީހުން ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް އިންކާރުކޮށް، ހަމައެކަނި ގުރުއާނަށް ބަރޯސާވާން ފެށިއެވެ. މިގޮތުން ގުރުއާނުގައި ނެތް ކަމަށް ބުނެ ރަޖަމްކުރުމުގެ ޙައްދަށް އިންކާރުކޮށް، ހައިޟުވެރިޔާ ނަމާދު ގަޟާކުރަން ޖެހޭނެ ކަމަށް ބުނަން ފެށިއެވެ.
ސަބައީންގެ ހައްދުފަހަނަޅައި ދިއުން
ދެން ފާޅުވީ ސަބައީ ފިރުގާއެވެ. މިއީ އިސްލާމްދީނުގެ ތެރެއަށް ފުރަތަމަ ޒިންދީގުކަން (އިލްހާދު) ވެއްދި، ސަންޢާގެ ޔަހޫދީއެއް ކަމަށްވާ ޢަބްދުﷲ ބިން ސަބާއަށް ނިސްބަތްވާ ބައެކެވެ. އެމީހުން ޢަލީގެފާނަކީ ކަލަކު ކަމަށް ދަޢުވާކުރިއެވެ. މިކަމާ ގުޅޭގޮތުން ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ބިން ޢަބްދުލްވައްހާބު ;މުޚްތަޞަރު ސީރަތުއް ރަސޫލް; ގައި ބަޔާންކުރައްވާފައިވެއެވެ: ;ޢަލީގެފާނުގެ ދުވަސްވަރު ހައްދުފަހަނަޅާފައިވާ މީހުން ނުކުމެ، އެކަލޭގެފާނަކީ އިލާހެއް ކަމަށް ދައުވާކުރިއެވެ. ޢަލީގެފާނު އެމީހުންނަށް ނަސޭހަތްތެރިވެ، އެކަލޭގެފާނަކީ ވެސް އިންސާނެއް ކަމަށާއި، ﷲ އަށް ކިޔަމަންވެއްޖެ ނަމަ ޘަވާބު ލިބޭނެ ކަމަށާއި، އުރެދިއްޖެނަމަ ޢަޒާބު ލިބޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމީހުން އެކަން ގަބޫލެއް ނުކުރިއެވެ.
އެންމެ ފަހުން އެމީހުން ތައުބާ ނުވުމުން، ޢަލީގެފާނު ވަޅުގަނޑުތަކެއް ކޮންނަވައި، އޭގައި އަލިފާން ރޯކުރައްވައި އެމީހުން އަންދާލެއްވިއެވެ.; މި ހާދިސާ އަޑުއިވިވަޑައިގަތުމުން އިބްނު ޢައްބާސް -رضي الله عنهما- ވިދާޅުވިއެވެ: ;ތިމަންކަލޭގެފާނު ނަމަ އެމީހުން ނާންދާނަމެވެ. އެއީ ﷲގެ ޢަޒާބުން (އަލިފާނުން) ޢަޒާބު ނުދިނުމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާތީ އެވެ. ނަމަވެސް، ;ދީން ބަދަލުކޮށްފި މީހާ ގަތުލުކުރާށޭ; އޮންނަ ހަދީޘާ އެއްގޮތަށް އެމީހުން ގަތުލުކުރީމުހެވެ.
މި ވާހަކަ ޢަލީގެފާނަށް އިވިވަޑައިގަތުމުން ވިދާޅުވީ އިބްނު ޢައްބާސްގެފާނު ބުނުއްވީ ތެދެއް ކަމަށެވެ.; ޚަވާރިޖުންނާއި ސަބައީންނަކީ އިސްލާމީ އުންމަތުގެ ތެރޭގައި ފާޅުވި ހަގީގީ ހައްދުފަހަނަޅައިދިއުމުގެ އެންމެ ފުރަތަމަ ނިޝާންތަކެވެ.
މިގޮތުން ސަބައީންގެ ނުރައްކާތެރިކަން ބޮޑުވަނީ ދެ ސަބަބަކާ ހުރެއެވެ:
1. އެމީހުންގެ ހައްދުފަހަނަޅައިދިއުން ޚަވާރިޖުންނަށްވުރެ މާ ބޮޑެވެ.
ޚަވާރިޖުން ހަރުކަށިވީ އެމީހުންގެ ޖާހިލުކަމާއި ވިސްނުމުގެ ނުކުޅެދުންތެރިކަމުގެ ސަބަބުންނެވެ. ނަމަވެސް ސަބައީންގެ މަގްސަދަކީ ދީން ފަސާދަކުރުމެވެ.
2. މުސްލިމުންގެ ތެރޭގައި ހައްދުފަހަނަޅައިދިއުން އުފެދުމާއި ކުރީގެ އަގީދާތަކާ ހުރި ގުޅުން
ޢަބްދުﷲ ބިން ސަބާއަކީ ޔަހޫދީއެއް ކަމަށާއި، އޭނާ އިސްލާމްދީނަށް ވަނީ ޢުޘްމާންގެފާނުގެ ދައުރުގައި ފިތުނަ އުފެއްދުމަށްޓަކައި ކަމަށް ގިނަ ޢިލްމުވެރިން އެއްބަސްވެއެވެ. އޭނާ ގެނައި ފިކުރުތަކަކީ ޔަހޫދީ، ނަޞާރާ އަދި މަޖޫސީ ޢަޤީދާތަކުގެ އަސަރު އެކުލެވޭ ފިކުރުތަކެކެވެ. ތާބިޢީ ބޭކަލެއް ކަމަށްވާ އިމާމް އައްޝަޢުބީ -رحمه ﷲ- ބަޔާންކުރައްވާފައިވާ ގޮތުގައި، ރާފިޟީންގެ (ހައްދުފަހަނަޅާފައިވާ ޝީޢީންގެ) ސިފަތަކާއި ޔަހޫދީންގެ ސިފަތަކާއި ވަރަށް ގިނަ ގޮތްގޮތުން އެއްގޮތެވެ. މިސާލަކަށް: ޔަހޫދީން ބުނަނީ ވެރިކަން އޮންނަންވާނީ ހަމައެކަނި ދާއޫދުގެފާނުގެ އާލުވެރިންނަށް ކަމަށެވެ. ރާފިޟީން ބުނަނީ އިމާމްކަން އޮންނަންވާނީ ހަމައެކަނި ޢަލީގެފާނުގެ އާލުވެރިންނަށް ކަމަށެވެ. ޔަހޫދީން ބުނަނީ ޢީސާގެފާނު ފާޅުވެއްޖައުމަށް ދާންދެން ޖިހާދުކުރުމެއް ނެތް ކަމަށެވެ. ރާފިޟީން ބުނަނީ މަހުދީގެފާނު ފާޅުވެއްޖައުމަށް ދާންދެން ޖިހާދެއް ނެތް ކަމަށެވެ.
ޔަހޫދީން މަޣުރިބު ނަމާދު ލަސްކުރަނީ ތަރިތައް ފާޅުވެ އެކުލެވިއްޖައުމަށް ދާންދެންނެވެ. ރާފިޟީން ވެސް ހަމަ އެފަދައެވެ.
ޔަހޫދީން ކޮންމެ މުސްލިމެއްގެ ލޭ ހަލާލުކުރެއެވެ. ރާފިޟީން ވެސް ހަމަ އެފަދައެވެ. ޔަހޫދީން ޖިބްރީލްގެފާނަށް ނަފުރަތުކުރެއެވެ. ރާފިޟީންގެ ތެރެއިން ;ޣުރާބިއްޔާ; ފިރުގާ ބުނަނީ ވަޙީ ފޮނުއްވުމުގައި ޖިބްރީލްގެފާނު މުޙައްމަދު ﷺ އަށް އޮޅުވާލެއްވީ ކަމަށެވެ.
މީގެ އިތުރުން، އަބޫ ބަކުރު އަލްބާޤިއްލާނީ ވިދާޅުވާ ގޮތުގައި، ރާފިޟީކަމަކީ ;ޒިންދީގު; ކަމަށް ވަދެވޭ ދޮރެކެވެ. އެމީހުން ޢަލީގެފާނަށް ;ޣައިބު; އެނގިވަޑައިގަންނަވާ ކަމަށާއި، ދުނިޔެ އުފެއްދުމުގެ ކަންކަން އެކަލޭގެފާނަށް ދޫކޮށްލެވިފައިވާ ކަމަށް ބުނެ، ހައްދުފަހަނަޅައި ދިޔައެވެ. އަދި މަޖޫސީންގެ ފަރާތުން ;ވަޞިއްޔަތުގެ; ފިކުރާއި، ﷲ ގެ ސިފަފުޅުތައް މަޚްލޫގުންނާ އެއްގޮތްކުރުމުގެ (ތަޝްބީހު) ފިކުރު ވެސް އެމީހުން ނެގިއެވެ.
މުޢުތަޒިލާއިންގެ ހައްދުފަހަނަޅައި ދިއުމާއި އޭގެ އަސަރު މުޢުތަޒިލާއިންގެ ހައްދުފަހަނަޅައި ދިއުން ތިން މައިގަނޑު ދާއިރާއަކުން ފާހަގަކުރެވެއެވެ:
1. ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ ދާއިރާ:
އެމީހުން ﷲގެ ސިފަފުޅުތަކަށް އިންކާރުކޮށް، އެކަލާނގެ ސިފަފުޅުތަކުން ހުސްވެވޮޑިގެންވާ ކަމަށް ބުނެ
ހައްދުފަހަނަޅައި ދިޔައެވެ.
2. އިރާދައާއި މިންވަރުގެ ދާއިރާ:
މަޚްލޫގުންގެ އަމަލުތައް ހިނގަނީ ﷲގެ މިންވަރުފުޅާއި އިރާދަފުޅާއި އެކުގައި ކަމަށް އިންކާރުކުރިއެވެ.
3. ނަންތަކާއި ހުކުމްތަކުގެ ދާއިރާ:
މިއީ އެމީހުންގެ އެންމެ ނުރައްކާތެރި ފިކުރެވެ. އެއީ މީސްތަކުންގެ ނަންތަކާއި (މުސްލިމް، ފާސިޤް، ކާފަރު) އާޚިރަތުގެ ހުކުމްތަކާ (ސުވަރުގެ، ނަރަކަ) ބެހޭ ގޮތުން ގެންގުޅޭ އުސޫލުތަކެވެ.
މިކަން ހިނގަނީ އެމީހުންގެ އަންނަނިވި އަސްލުތަކުގެ މައްޗަށެވެ: ވައުދާއި ވަޢީދު ތަންފީޒުކުރުން: ބޮޑު ފާފައެއް ކުރާ މީހާ ނަރަކައިގައި އަބަދަށް ދެމިހުންނާނެ ކަމަށް ނިންމުން.
ދެ މަގާމެއްގެ މެދުގައިވާ މަގާމު: ދުނިޔޭގައި ބޮޑު ފާފަކުރާ މީހާއަކީ މުސްލިމެއް ވެސް ނޫން ކަމަށާއި އަދި ކާފަރެއް ވެސް ނޫން ކަމަށް ބުނުން. އޭނާއަށް އެމީހުން ދޭ ނަމަކީ ;ފާސިޤު; އެވެ.
އަމުރު މަޢުރޫފް ނަހީ މުންކަރު: މުޢުތަޒިލާއިންގެ ކައިރީގައި މީގެ މާނައަކީ، ވެރިން އުރެދުމަކަށް އަރައިގެންފި ނަމަ ބާރުގެ ބޭނުންކޮށްގެން (ކަނޑިން) އެމީހުންނާ ދެކޮޅަށް ނުކުމެ ބަޣާވާތްކުރުމެވެ.
މިއީ ޚަވާރިޖުންގެ ފިކުރާ އެއްގޮތަށް، ފާފަކުރާ މީހުން ގަތުލުކުރުމަށް ބާރުދޭ ;ވަޢީދިއްޔާ; ފިކުރެކެވެ. މީގެ ސަބަބުން އިސްލާމީ ތާރީޚުގައި މީސްތަކުން ކާފަރުކުރުމާއި، ގަތުލުއާންމުތައް ހިންގުމަށް މަގުފަހިވެގެން ދިޔައެވެ.
ނޯޓް: މި ލިޔުމަކީ ޑ. ޢަލީ އައްޝިބްލު ލިޔުއްވާފައިވާ ލިޔުމެއްގެ ޚުލާސާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު