Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

މޭ މަހު ޒަކާތުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ބަހައިފި

ފިތުރު ޒަކާތް ދައްކަނީ - ފޮޓޯ: ޒަކާތު ހައުސް

މި އަހަރުގެ މޭ މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ މަހުގެ މުދަލު ޒަކާތުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 7,587,956.14 ރުފިޔާ ބަލައިގަނެފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެހީތަކަށާއި މަޝްރޫއުތަކަށް ޖުމުލަ 2,685,834.30 ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެއެވެ.

ޒަކާތު ހައުސް އިން ބުނީ ޒަކާތް ބަލައިގަތް މިންވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ މޭ މަހު ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން ފަގީރުންނާއި މިސްކީނުންނަށް ދިން އެހީ އަށް ބަލާލާއިރު، މޭ މަހު އެންމެ ބޮޑު ޢަދަދެއް ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 1,483,960.50 ރުފިޔާއެވެ.

މީގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާގެ އެހީއަށް ބޭނުންވި ފަރާތްތަކަށް ދޫކުރި 1,452,960.50 ރުފިޔާ އަދި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ދޫކުރި 31,000.00 ރުފިޔާ އެވެ.

މި މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ.

ފީސަބީލިﷲ މަޝްރޫއުތަކަށް ދިން އެހީ އަށް ބަލާލާއިރު، ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 753,239.02 ރުފިޔާ، އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް 246,989.40 ރުފިޔާގެ އިތުރުން މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,008.00 ރުފިޔާ އެވެ.