Last Updated: June 30, 21:19
Tuesday, June 30, 2026
މުނިފޫހިފިލުވުން

ރަންވީރުގެ ޒޮމްބީ ފިލްމު ފަށާނީ އޮސްޓްރޭލިއާ އިން

ބޮލީވުޑްގެ ތަރި، ރަންވީރު ސިންގުގެ ޒޮމްވީ ތުރިލާ 'ޕްރަލޭ' ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް އޮސްޓްރޭލިއާގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީޑިއާތަކުން މިއަދު ބުނީ ފިލްމުގެ ޝޫޓިން ފަށަން މިހާރު ޕްލޭންކޮށްފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެހެެންވެ ފިލްމުގެ ޓީމުން މިހާރު އަންނަނީ އެކަމަށް ވާން އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.

'ޕްރަލޭ' ގެ ޑައިރެކްޓަރަކީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ އެވެ. އަދި މި ފިލްމަކީ 300 ކްރޯޑް ރުޕީސް (32 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ޕްލޭންކޮށްފައިވާ ފިލްމެކެވެ.

'ޕްރަލޭ' ވާނީ ރަންވީރު މިހާތަނަށް ކުޅޭ އެންމެ ބޮޑު ބަޖެޓް ފިލްމަށެވެ.

މީގެ ބަތަލާއަކަށް ނަގާފައި ވަނީ އިންޑިއާގެ ދެކުނުގެ މިހާރު މަޝްހޫރު ބަތަލާއެެއް ކަމަށްވާ ކަލިއާނީ ޕްރިދަރުޝަނެވެ. އޭނަ އަކީ އިންޑިއާގެ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމު ކަމަށްވާ މިދިޔަ އަހަރުގެ މަލަޔާޅަމް ބޮޑު ހިޓް 'ލޯކާ ޗެޕްޓާ 1: ޗަންދުރާ' ގެ ބަތަލާ އެވެ.

ކަލިއާނީ މަޝްހޫރު ޑައިރެކްޓަރު ޕްރިދަރުޝަންގެ ދަރިއެކެވެ. އޭނަ އަކީ އެޕްރީލްގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ 'ބޫތު ބަނގްލާ' އަށް ފަހު، ސެޕްޓެމްބަރުގައި އަކްޝޭ އާއި ސައިފް އަލީ ޚާނާ އެކު 'ހައިވާން' ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރެވެ.

ރަންވީރު 'ޕްރަލޭ' އަށް ތައްޔާރީތައްވަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ ބޮކްސް އޮފީހުގެ ވަރުގަދަ ގުނޑުމެއް އަރުވައިލި ދެ ބަޔަކަށް ގެނެސްދިން 'ދުރަންދަރު' އެވެ، އޭގެ ފުރަތަމަ ޑިސެންބަރުގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި ރިލީޒްކުރީ މި އަހަރުގެ މާޗްގަ އެވެ.