Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ދިރާސާއެއް ފަށައިފި

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ "އާބަން މޮބިލިޓީ ސާވޭ" ގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ މާލޭގެ ދަތުރުފަތުރުގެ ހާލަތު ދެނެގަނެ، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރިއަށްގެންދާ މުހިންމު ދިރާސާއެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގުޅިގެން ކުރިއަށްގެންދާ މި ދިރާސާއަކީ މާލޭގެ މޭޔަރު އާދަމް ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި މަޝްރޫޢާ ގުޅޭގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ، ޝެކްޝަން ޗީފް ކެޓްރިން ލޫގަރ ވަނީ މޭޔަރ ޢާޒިމާއެކު ރަސްމީ ބައްދަލުވުމެއް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ބާއްވައިފައެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ.

މި ދިރާސާގެ ތެރެއިން މައިގަނޑު ގޮތެއްގައި ބެލުމަށް ހަމަޖެހިފައިވަނީ މީހުން ގެންގުޅޭ އުޅަނދު ފަހަރުގެ އަދަދާއި، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދަތުރު ފަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ. މީގެ މަޤްސަދަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ބިނާކުރުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި މަސައްކަތުގެ ޑޭޓާ އެއްކުރުމުގެ މަރުހަލާގައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އެގޮތުން އެމުވައްޒަފުން ވަނީ 1000 އަށް ވުރެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށްފަ އެވެ. މި ޓީމުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން މަޢުލޫމާތު ވެސް އެއްކޮށްފަ އެވެ.

ގޭގެއަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރުމުގެ އިތުރުން، އޮންލައިންކޮށް ވެސް މި މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށައިފަ އެވެ.