ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާ ދެމެދު ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ތާރީހީ އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، މުޖުތަމައުގެ އެހީތެރިކަމާއެކު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކޮށްފައިވެ އެވެ.
މީގެއިތުރުން ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި، އާދަކާދަތަކާއި، އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވަޒީރަށާއި އެކަމަނާގެ ވަފުދަށް މަރުހަބާ ދަންނަވައި، ގައުމުގެ ސަގާފީ އަދި ތާރީހީ ތަރިކަ ހިމާޔަތްކުރުމުގައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އަންނަން އޮތް ޖީލުތަކަށް ގައުމުގެ އަމިއްލަވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.