Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާ ބައްދަލުކުރަން ފަށައިފި

ކައުންސިލްތަކަށް ފަންނީ ލަފާދިނުމަށް އެމްޑީޕީން އުފައްދާފައިވާ އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވޮލޮޕްމެންޓް އޮފީހުގެ ފަރާތުން އެމްޑީޕީގެ ކައުންސިލްތަކާއި ބައްދަލުކުރަން ފަށައިފި އެވެ.

މިދިޔަ ހަފްތާގައި އުފެއްދި އެ އޮފީހުގެ އިސްވެރިޔަކަށް ކަނޑައަޅާފައިވަނީ އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އެވެ.

އެމްޑީޕީން ބުނީ އެ އޮފީހުގެ ފަރާތުން އެމްޑީޕީގެ ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރަން ފަށާފައިވާ ކަމަށެވެ.

މި ބައްދަލުވުންތަކުގައި ޕްރޮޖެކްޓް އޮފީސްގެ މެންޑޭޓާއި ސްކޯޕް އަދި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޤާބިލުކަން އިތުރު ކުރެވޭނެ މަސައްކަތާއި މެދު މަޝްވަރާ ކުރެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އެމްޑީޕީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި މިއޮފީހުން ބައްދަލުކުރާނެ ކަމަށްވެސް އެ ޕާޓީން މައުލޫމާތުދެ އެވެ.

ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީގެން މާލީ އެހީ ހޯދޭނެ އާ ގޮތްތައް ތަނަވަސްކޮށްދިނުމަކީ އެމްޑީޕީ މެދުވެރިކޮށް ކުރެވޭނެ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވިދާޅުވެފަ އެވެ.

މިއީ ޗެއާޕާސަންގެ މަގާމާ ހަވާލުވުމަށް ފަހު އެމްޑީޕީގެ ސެކްރެޓޭރިއޭޓުގައި ނަޝީދު އުފެއްދެވި ދެވަނަ އޮފީހެވެ. މީގެކުރިން ވަނީ "ބޮޑު ބަދަލު" އޮފީސް ވެސް ގާއިމުކޮށްފަ އެވެ. އެ އޮފީހުގެ ޑައިރެކްޓާ ޖެނެރަލަކީ ހަސަން ލަތީފް އެވެ.