އާލިން ހާލަންޑްގެ ގޯލުން އައިވަރީ ކޯސްޓް 2-1 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ނޯވޭ ދަތުރުކޮށްފި އެވެ.
ނޯވޭ އިން ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އެފަހަރު ނޯވޭ ބަލިވީ އިޓަލީ އަތުން 1-0 އިންނެވެ. މިއީ އޭގެ ފަހުން ނޯވޭ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.
ގަދަ 16 ގައި ނޯވޭ އިން މިފަހަރު ބައްދަލުކުރާނީ ބްރެޒިލްއާ އެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އައިވީ ކޯސްޓުން ކުޅުނު ނަމަވެސް ނޯވޭގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. މި ހާފުގައި ނޯވޭއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުގެ އެންޓޯނިއޯ ނޫސާ ވަނީ ނޯވޭއަށް ލީޑު ނަގައިދީފަ އެވެ. މިއީ އައިވަރީ ކޯސްޓުގެ އޭރިއާގެ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން ނޯވޭއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން އައިވަރީ ކޯސްޓުގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ 74 ވަނަ މިނެޓްގައި އަމަދް ޑިއާލޯގެ ގޯލުން އައިވަރީ ކޯސްޓުން ނަތީޖާ ވަނީ އެއްވަރުކޮށްފަ އެވެ. މިއީ ނޯވޭގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް މެޗުގެ 86 ވަނަ މިނެޓްގައި ސެންޑަ ބާގް ހުސްކޮށްލާފައި ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ވަނީ ނޯވޭއަށް އަލުން ލީޑު ނަގައިދީ އެޓީމަށް ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްދީފަ އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ހާލަންޑް ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.