ސްވިޑެންގެ މައްޗަށް 3-0 އިން ކުރި ހޯދައި ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ފްރާންސް ދަތުރުކޮށްފި އެވެ.
ގަދަ 16 ބުރުގައި ފްރާންސް އިން ކުޅެނީ ޕެރަގުއޭއާ އެވެ. ޕެރަގުއޭ އިން ގަދަ 16 އިން ޖާގަ ހޯދީ ނޮކައުޓް ފުރަތަމަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކުރުމަށް ފަހު އެވެ.
ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރަތަމަ ހާފުގައި ފްރާންސުން ދިޔައީ ފުލުފުލުގައި ސްވިޑެންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި މައިކަލް އޮލީސޭ ފޮނުވާލި ހަމަލާތަކެއް ސްވިޑެންގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޮސްމާނޭ ޑެމްބެލޭ އާއި އެޑްރިއަން ރަބިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފަ އެވެ. މިއީ ސްވިޑެންގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ފްރާންސްގެ ދެވަނަ ގޯލު ބްރޭޑްލީ ބާކޯލާ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ފަހު ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ.
މި މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު އޭނާ މިފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. މި އަދަދަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަނީ ގޯލު ޖަހައިފަ އެވެ.
މި ދެ ގޯލަށްފަހު ވެސް ފްރާންސަށް ވަނީ ދެވަނަ ހާފުގައި ގޯލުޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.