Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ދިފާއީ ދާއިރާއިން ސައުދީއާ މަޝްވަރާކޮށްފި

ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއާ އެކު މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަށް ސައުދީއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުންނާއި، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ސައުދީ އަރަބިއްޔާއަށް ވަޒީރު ޙަސަން ރަޝީދު ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.