Last Updated: July 1, 23:10
Wednesday, July 1, 2026
ރިޕޯޓް

ދިވެހި އަސްކަރީ ބޯދާ ތާރީޚު (1)

ދިވެހިރާއްޖޭގައި ކުރިން އޮތް އަސްކަރީ ނިޒާމާއި ތިއޮކްރެސީ

ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދުދީނުގެ ވެރިކަމެކެވެ. ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުން ފެނިފައިވާ އާސާރުތަކުން ބުދުދީނާއި ހިންދޫ ދީނުގެ އެކިއެކި މަޒުހަބުތަކުގެ މުގައްދަސް ތަކެއްޗާއި އަޅުކަންކުރަން ގެންގުޅުނު ބުދުތައް ފެނިފައިވެއެވެ. ދިވެހިރާއްޖޭގައި އަސްކަރީ ބާރެއް ނެތް ޒަމާނެއް ފެންނާކަށް ނެތެވެ. ދިވެހީން އިސްލާމްދީން ގަބޫލުކޮށް، ރަސްމީގޮތުން ދިވެހި ދައުލަތުގެ ދައުލަތުގެދީނަކީ އިސްލާމްދީންކަމަށް މީލާދުން 1153 ވަނަ އަހަރު ކަނޑައެޅުމުގެ ކުރިން ވެސް ދިވެހިރާއްޖޭގައި އަސްކަރީ ބާރެއް އޮތެވެ.

ދިވެހިރާއްޖެ ދިފާޢުކޮށް މިނިވަންކަން ދެމެހެއްޓުމަށް ދިވެހި ލަޝްކަރުން ހަނގުރާމަތަކެއް ކޮށްފައިވެއެވެ. އެ ލަޝްކަރުގެ ވެރިޔަކަށް ވާނީ އޭރު ވެސް ދިވެހީންގެ އެންމެ އިސް ވެރިޔާއެވެ. އެ ވެރިކަން އޮންނާނީ ދިވެހި ސިންގާސަނާގައި ރެދަލިކުރެއްވި ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންނަށެވެ.

ދިވެހިރާއްޖޭގައި ބުދު ދީން އޮތް ދުވަސްވަރު ދިވެހިރާއްޖޭގައި އޮތީ "ދަންނަބޭކަލުންގެ ބާރުގެ ވެރިކަމެއް" ނުވަތަ ތިއޮކްރެސީގެ ނިޒާމެއް ކަމަށް ގަބޫލުކުރެވެއެވެ. ތިއޮކްރެސީ" (Theocracy) އަކީ ދީނީ އިލާހެއްގެ ނަމުގައި ނުވަތަ ދީނީ އުސޫލުތަކާއި ގާނޫނުތަކުގެ މައްޗަށް ބިނާވެގެން ހިންގާ ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމު އޮތް އިރު ދިވެހިރާއްޖޭގެ ވެރިޔަކަށް ހުންނަވާނީ އޭރު ދިވެހީންގެ ތެރޭގައި ހުރި އެންމެ އިސް ހާމުދުރެކެވެ. މިއީ ބުޑިޒަމް އޮތް ޤައުމުތަކުގައި ނުވަތަ މުޖުތަމަޢުތަކުގައި މިކަން އޮންނަގޮތެވެ. އަވަށްޠެރި ނޭޕާލާއި ބޫޓާނުގައި ކުރީ ޒަމާނުގައި އޮތީ މި ނިޒާމެވެ. އަދި އިންޑިއާގައި ބުޑިސްޓް ރަސްކަންތައް ކުރި ސަރަހައްދުތަކުގައި ވެސް މި ނިޒާމު އޮތެވެ.

މިހާރު ވެސް ޗައިނާގެ ޓިބެޓާއި އިންޑިއާގެ ސިކިމްފަދަ ސަރަހައްދު ތަކުގައި އޮތީ މި ނިޒާމެކެވެ. އެ މީހުންގެ އެންމެ އިސްވެރިޔަކީ ނުވަތަ ރަސްކަލަކީ ދީނީ އެންމެ ބޮޑު އަދި އެންމެ އިސް ހާމުދުރެވެ. ދީނީ އެންމެ އިސް ދަންނަބޭކަލަކީ ވެސް އެއީއެވެ.

ތިއޮކްރެސީގެ މައިގަނޑު ސިފައަކީ ދައުލަތުގެ އެންމެ މަތީ ބާރަކީ އެބަޔަކު އަޅުކަންކުރާ އިލާހެއްކަމުގައި ބެލުމެވެ. އަދި ވެރިކަން ހިންގަނީ އެ ފަރާތުން ބާވާލެއްވި ކަމަށް ގަބޫލުކުރާ ގާނޫނުތަކުގެ މައްޗަށެވެ. މި ނިޒާމުގައި ޤައުމުގެ އެންމެ މަތީ ވެރިންނަކީ ދީނީ އިސްވެރިން ނުވަތަ ދީނީ ގޮތުން ޚާއްޞަ ދަރަޖައެއް ދެވިފައިވާ ފަރާތްތަކެކެވެ. އެ ފަރާތްތަކުން ވެރިކަން ކުރަނީ ކަލާނގެ މަންދޫބުންގެ ގޮތުގައެވެ. ބޯދާ ޒަމާނުގައި މި ނިޒާމު ގެންގުޅުނު މުޖުތަމަޢުތަކުގައި އެ ބައެއްގެ ދުސްތޫރަކީ ދީނީ ފޮތްތަކާއި ދީނީ އުސޫލުތަކެވެ.

މި ނިޒާމުގައި ދީނާއި ދައުލަތް ވަކިވެފައެއް ނޯވެއެވެ. ސިޔާސީ ނިންމުންތަކާއި އިޖުތިމާއީ ކަންކަން ބިނާވެފައި އޮންނަނީ ދީނީ އަގީދާގެ މައްޗަށެވެ. އިސްލާމީ ނަޒަރިއްޔާތުން ބަލާއިރު، އިސްލާމީ ދައުލަތެއް ހިންގަންވާނީ މާތްﷲ ބާވާލެއްވި ޝަރީއަތާ އެއްގޮތަށެވެ. ނަމަވެސް، ހުޅަނގުގެ ތާރީޚީ މާނައިގައި ބޭނުންކުރާ "ތިއޮކްރެސީ" އާއި އިސްލާމީ ވެރިކަމުގެ ނިޒާމާ ދެމެދު ތަފާތުތަކެއް ހުރެއެވެ. އެއީ އިސްލާމްދީނުގައި "ތިއޮކްރެސީ" އެއްގައި އޮންނަ ފަދަ "ކްލާސް" އެއް ނުވަތަ ދީނީ ފާދިރީންގެ ވަކި ޚާއްޞަ ޖަމާޢަތަކަށް އެކަނި ވެރިކަން އޮންނަ އުސޫލެއް ނޯވެއެވެ. އިސްލާމީ ދައުލަތެއްގައި ވެރިޔަކީ މާތްﷲގެ ޝަރީއަތަށް ތަބާވާންޖެހޭ، އަދި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ފަރާތެކެވެ.

ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގައި ނުވަތަ ބުދުދީން ވެރިކަމެއް އޮތް ޒަމާނުގައި ދިވެހީންގެ އެންމެ އިސް ވެރިޔަކަށް ހުންނަވާ އެންމެ އިސް ހާމުދުރުގެ ދަށުން ދެން އޮންނަ އެންމެ އިސް ޖަމާޢަތަކީ ދީނީ ދަންނަބޭކަލުން ނުވަތަ ހާމުދުރުންގެ ޖަމާޢަތެވެ. އެއީ ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި ރަސްގެފާނަށް އެއްބާރުލުން ދޭ މީހުންނެވެ. ވަކިން ޚާއްޞަކޮށް ހަނގުރާމައިގެ ހާލަތުގައި ލަޝްކަރުގެ ކަންތައްތައް ބަލަހައްޓަވާނީ މި ބޭބޭކަލުންނެވެ.

މިބައިމީހުންނަށް ކިޔާ މުސްކުޅިނަމަކީ "ސަންގަ" (Sangha) އެވެ. މިއީ ދިވެހީން ކިޔާ "ސަގުން" ނެވެ. މިއީ ބުދުދީނުގައި ދީނީގޮތުން އިޚްތިޔާރު ކުރެވޭ މީހުންނެވެ. ހާމުދުރުންނާއި ފާދިރީންނަށް ވެސް ސަގުން ކިޔައެވެ. ބުދުދީނުގެ ތަރުތީބުން ބަލާއިރު، އެންމެ މަތީގައި ހުންނަނީ އެ ދީނުގެ ބާނީގެ ގޮތުގައި ބަލާ ބުއްދާ އެވެ. ދެން އޮންނަނީ ދަރްމާ (ބުއްދާގެ އުނގަންނައިދިނުންތައް) އެވެ. ތިންވަނައަށް އޮންނަނީ ސަންގަ (އެ އުނގަންނައިދިނުންތަކަށް ޢަމަލުކުރާ އަދި އެ ފަތުރާ މަދަދުގާރުން) އެވެ.

ދިވެހިބަހުގައި ވަރަށް ހަރުދަނާ ގަވާއިދަކުން "ސ" އާއި "ހ" އެއް އަކުރާއި އަނެއް އަކުރު ބަދަލުވުމުގެ އުސޫލެއް އޮވެއެވެ. މި އުސޫލުން "ސަގުން" ވަނީ "ހަނގުން" ނަށް ބަދަލުވެފައެވެ. ހަނގުންނަކީ ހަނގުކަން ލިބިފައިވާ މީހުންނާއި ހަނގުބޭކަލުންނެވެ. ސަގުން، ހަނގުންނަށްވެ، މާތްކޮށްލުމުގެ ގޮތުން އިތުރުކޮށްލެވުނު ބޭކަލުންނާއެކު ކިޔަމުން އައީ "ހަނގުބޭކަލުން" ނެވެ. ހަނގުބޭކަލުންނަކީ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޝްކަރެވެ. އެއީ މި ޒަމާނުގެ ދިވެހި ސިފައިންނެވެ.

ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.