ޑައިރެކްޓަރު އަމިތު ޝަރުމާއާ އެކު ޝާހިދު ކަޕޫރް މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ 'އަދަލް ބަދަލް' ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ފިލްމުގެ ޝޫޓިން މި އަހަރުގެ އޮކްޓޯރުގައި ފަށަން ޕްލޭންކޮށްފައިވާ އިރު، މިއީ ޕްރޮޑިއުސަރު ސުނިލް ކެތުރިޕާލް އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއާ ގުޅިގެން ހަދާ ފިލްމެއް ކަމަށެވެ. 'އަދަލް ބަދަލް' އަކީ 'ސޯލް ސްވެޕިން' އަށް ބިނާކޮށް ހަދަން ނިންމާފައިވާ ކޮމެޑީއެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް މި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފިލްމުގެ ޓީމުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝާހިދާ އެކު 'އަދަލް ބަދަލް' ގެ ބަތަލާގެ ރޯލު ކުޅޭނީ ޖާންވީ ކަޕޫރެވެ. މިއީ މި ދެ ތަރިން އެކީގައި ފިލްމެއްގެ ލީޑް ކުޅޭނެ ފުރަތަމަ ފަހަރެވެ. ނަމަވެސް ޝާހިދުގެ ފިލްމެއްގައި ޖާންވީ ކުރިން ކެމިއޯއެއްގައި ހިއްސާވެފައިވެ އެވެ. އެއީ 2024 ގެ 'ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ' ގަ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ 2018 ގައި ބޮލީވުޑަށް ތައާރަފުވީ ޝާހިދުގެ ކޮއްކޮ އިޝާން ޚައްތަރާ އެކީގައިކަމެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 'ދަޅަކް' އިންނެވެ.
'އަދަލް ބަދަލް' އަށް ޑައިރެކްޓަރު އަމިތު ތައްޔާރީތައްވަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖާންވީގެ ބައްޕަ، ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް އަޖޭ ދޭވްގަނާ އެކު 2024 ގައި ރިލީޒްކުރި ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ 'މައިދާން' އެވެ. އަމިތަކީ 2018 ގެ ވަރަށް ބޮޑު ހިޓެއް ކަމަށްވާ 'ބަދާއީ ހޯ' ގެ ވެސް ޑައިރެކްޓަރެވެ.
އޭނަގެ އާ ފިލްމަށް ޝާހިދު ސޮއިކުރި އިރު، ހުނަރުވެރި އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 19 ގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ 'ކޮކްޓެއިލް 2' އެވެ. ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 4 ގައި ރިލީޒްކުރި ސްޕޯޓްސް އެކްޝަން ޑްރާމާ 'ޕެއްޑީ' އެވެ.