ޓޫރިޒަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުންނިންމައިފި އެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވީ މިއަދު ހެނދުނު އެވެ. އަދި އެ މައްސަލައިގައި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ އެ މައްސަލަ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.