Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ހަނިމާދޫ އެއާޕޯޓަށް ވައިޑް ބޮޑީ ބޯޓް ނުޖެއްސޭނެ

ބޮޑެތި ބަދަލުތަކަކާ އެކު ތަރައްގީކޮށް މިދިޔަ އަހަރު ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައި އޮތީ ބޭރުގެ ދިގު ދަތުރުތައް ކުރެވޭ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަކަށް ނޫން ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އެ އެއާޕޯޓަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުުރި އެއާޕޯޓެކެވެ. މި ސަރުކާރުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހަނިމާދޫ އެއާޕޯޓް އަލުން ހުޅުވި ނަމަވެސް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2023 ގަ ޖެނުއަރީ އެވެ.

ހަނިމާދޫ އެއާޕޯޓުގެ ކެޕޭސިޓީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބގައި މިނިސްޓަރު އަމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައި އޮތީ ވައިޑް ބޮޑީ ބޯޓްތަކަށް ދަތުރުތައް ކުރެވޭ ގޮތަަކަށް ނޫން ކަމަށެވެ. އަދި އެ އެއާޕޯޓު އޭރު ޑިޒައިންކޮށްފައި އޮތީ ވެސް ބޮޑެތި ބޯޓުތައް ޖެއްސޭ ގޮަތަކަށް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކޮށްގެން ހުރީ އެެ ހިސާބުގެ ތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ވަރަށް ބޮޑަށް އެ އެއާޕޯޓުގެ ކެޕޭސިޓީ އެނގިވަޑައިގަންނަވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ. "ހަނިމާދޫ އެއާޕޯޓު ޑިވަލޮޕްކޮށްގެން މި ހިސާބަށް ހުޅުވިފައި އޮތީ ވައިޑް ބޮޑީ މަތިންދާބޯޓު އޮޕަރޭޓް ކުރާ ކެޕޭސިޓީއަކު ނޫން."

އެހެންވެ ގައުމީ އެއާލައިނުން މިހާރު ބޭރަށް އަދި އައްޑޫ ގަމަށް ވެސް ދޭތެރެ ދޭތެރެ އިން ދަތުރުތައް ބާއްވާ އެ އެއާލައިންގެ ވައިޑް ބޮޑީ ބޯޓް ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށްފައި އޮތް ގޮތުން ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ޗައިނާއަށް ވެސް އަދި ލޯންގް ޑިސްޓެންސް [ދިގު ދަތުރުތަކަށް] ހަނިމާދޫ އެއާޕޯޓު މިހާރު ތަރައްގީކޮށްގެން އެ ހުޅުވިފައި އޮތް ގޮތަކުން ބޯޓު ޖެއްސުމަށް ނޫނީ ހިދުމަތެއް ނުލިބޭނެ،" އަމީން ވިދާޅުވި އެވެ. "އެ އެއާޕޯޓަކީ، ޑިޒަން ކުރެވިފައި ވެސް އަދި މިހާތަނަށް ހުޅިވިފައި އެ ހުރީ ނެރޯ ބޮޑީ ކުދި މަތިންދާބޯޓަށް."

އެ އެއާޕޯޓު ތަރައްގީކޮށްފައި އޮތް ގޮތުން އެއާބަސް އޭ330، އޭ340 ނުވަތަ 777ގެ ކެޓަގަރީގެ ބޯޓެއް އެ އެއާޕޯޓަށް ނުޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ލިމިޓޭޝަން އެބަހުރި. އެހެންވީމަ، ތަފާތު ގޮތަކަށް ވިސްނަން ޖެހެނީ. ނޫނީ ރީޑިވަލޮޕްމަންޓަކަށް [އަލުން ތަރައްގީކުރަން] ދާން ޖެހެނީ، އެ އާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޓް ކުރަން ބޭނުން ވަންޏާ." އޭނަ ވިދާޅުވި އެވެ.