Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

"އައްޑޫ ތަރައްގީ ކުރަން" ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ސ. ފޭދޫ "މަސްޖިދުލް އައްވާބީން". ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީގެ ތަރައްޤީ އަށް އަމިއްލަ ހައިސިއްޔަތުން އެކިއެކި ޚިދުމަތްތައް ފޯރުކޮށް ދިިނުމަށް ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުން ހުށަހަޅަމުންދާތީ އަައްޑޫ ސިޓީ ކައުންސިލުން އެ ފުރުސަތު ހުުވާލައި، ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މިއީ އައްޑޫ ސިޓީގެ ތަރައްޤީ އަށް ހުޅުވިގެންދާ އިތުރު ފުރުސަތުތަކެއް ކަމުން މި ފަދަ ހުށަހެޅުންތައް ނުހަނު ޝައުގުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

"މިސާލެއްގެ ގޮތުން މިސްކިތްތަކުގައި އެއަރކޯން ލުމާއި، މިސްކިތްތައް ބަލަހައްޓައި ދިނުމާއި، މަރާމާތުކޮށް ދިނުމާއި، ޒީނަތްތެރިކޮށް ދިނުމަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅާފައިވެއެވެ. އަދި ހަމައެހެންމެ، ލޯކަލްގެސްޓް ހައުސް އިމާރާތްކުރުމަށާއި، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ބޭނުންކުރެވޭފަދަ އޮލިމްޕިކް ސައިޒްގެ ސްވިމިންގް ޕޫލް ހެދުމަށްވެސް އަމިއްލަ ފަރާތަކުން ވަނީ ހުށަހަޅާފައެވެ.
ގައުމެއް ތަރައްޤީކުރުމުގައި އެގައުމެއްގެ ހުރިހާ އަފުރާދުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެ އެެވެ. ޚާއްސަކޮށް ރައްޔިތުންނަށް ކޮލިޓީ ޚިދުމަތް ދިނުމުގައި ކަމުގެ ގާބިލްކަން ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި މަދަދަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންކަމުން އައްްޑޫސިޓީގެ ތަރައްޤީއަށްވެސް މިސިޓީގެ އެންމެހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވެއެވެ." ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ވުމާއެކު، މި އިދާރާއަށް މިހާތަނަށް ހުށަހެޅިފައިވާ މިފަދަ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް، ލޯކަލް ގެސްޓް ހައުސްތަކާއި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބޭނުންކުރެވޭ ފަދަ އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް އަދި އަމިއްލަ ޚަރަދުގައި މިސްކިތްތައް އެއަރކޯންކޮށް، މިސްކިތްތައް ބަލަހައްޓައި މަރާމާތުކޮށްދީ ހެދުމަށް ޝައިގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މަތީގައި ދެންނެވުނު ކަންކަމުގެ ތެރެއިން ކަމެއް މިސިޓީގައި ކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު އެކަމެެއް ކުރުމަށް ގަސްތުކުރާ ތަނަކާއި، މިންވަރު އެނގި ބަޔާންވެފައި އޮންނަން ވާނެ އެވެ."