ކުދި ޖަޒީރާ ގައުމުތަކަށް އދ. މެދުވެރިކޮށް ދޭ އެހީތެރިކަން އިތުރުކުރުމާ ގުޅޭ ގޮތުން ރާއްޖެ އިން މަޝްވަރާކޮށްފި އެވެ.
ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) އދ. ގެ ނިޒާމުގެ ތެރެއިން ދެވޭ އެހީތެރިކަން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މިނިސްޓަރު އަލީ ޝަރީފާއި އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމާ ބެހޭ އެންޑަ-ސެކްރެޓަރީ ޖެނެރަލް ލީ ޖުންހުއާ އާ ބައްދަލުކުރައްވައި ކުރެއްވާ މަޝްވަރާ އޮތީ އދ. ގެ މައި މަރުކަޒުގަ އެވެ.
އެ ބައްދަލުވުމުގައި ބައްދަލުވުމުގައި، ތަރައްގީވަމުން އަންނދާ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ މިންވަރުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކައިގައި، ތަރައްގީގެ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އޮނިގަނޑުގައި ހުންނަ ނާޒުކުކަމަށް ރިއާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް، މަލްޓިޑައިމެންޝަނަލް ވުލްނަރަބިލިޓީ އިންޑެކްސް (އެމްވީއައި) ފަދަ މިންގަނޑުތަކަށް ބަލައިގެން އެހީތެރިކަން ފޯރުކޮށް ދިނުމަކީ، ސިޑްސްގެ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެން ދާނެ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އެފަދަ އިންޑެކްސްތަކުގެ ސަބަބުން ކުދި ގައުމުތަކަށް ކުރިމަތިވާ ތަފާތު ނާޒުކު ހާލަތްތައް ދެނެގަނެވި، އެ ގައުމުތަކަށް ހައްގުވާ މިންވަރަށް ވަސީލަތްތައް ފޯރުކޮށް ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.