Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ފިލްމު އެވޯޑްސް މި އަހަރު ބާއްވަނީ

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރު ފިލްމު އެވޯޑްސް ހަފުލާ ބާއްވަން ނިންމައިފި އެވެ.

މިކަން ހާމާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.

ހީނާ މިއަދުގެ ޖަލްސާ އަށް ހާޒިރު ކުރުމުން މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހިތްވަރުދީ އެ މީހުންގެ މަސައްކަތްތައް ބަލައިގަތުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

އެހެންވެ މި އަހަރު ފިލްމު އެވޯޑްސް ބާއްވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ އެންސީއޭއާ އެކީގައި ފިލްމީ ދާއިރާގެ އެވޯޑު މި އަހަރު ބޭއްވުމަށްޓަކައި އެކަމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން މި ދަނީ، ހީނާ ވިދާޅުވި އެވެ. "ޖަޖިންގެ ޕެނަލް ހުށަހެޅުމާއި އެވޯޑަށް ހުޅުވައިލުމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށް ދަނީ."

ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވަމުން އައި ފިލްމު އެވޯޑްސް އެންމެ ފަހުން ބޭއްވީ 2019 ގަ އެވެ. އެއީ 9 ވަނަ ފިލްމު އެވޯޑްސް އެވެ.

އޭގެ ފަހުން 10 ވަނަ އެވޯޑް ހަފުލާ 2023 ގެ އޮގަސްޓް މަހުގެ ތެރޭގައި ބާއްވަން ނިންމި އެވެ. އޭރު އެވޯޑް ދޭން ނިންމީ 2019-2022 ގެ ފިލްމުތަކަށެވެ. ނަމަވެސް އޮގަސްޓް މަހުގެ ކުރީކޮޅު އެވޯޑް ހަފުލާ ފަސްކުރިކަން އެންސީއޭ އިިން އިއުލާންކުރި އެވެ. އޭގެ ފަހުން އެވޯޑާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ހީނާ ވިދާޅުވި ގޮތުގައި އަމާޒަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު އެވޯޑްސް ބޭއްވުމެވެ.

އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކީ ރަވީ ފާރޫގް ޑައިރެކްޓްކުރި "ވިޝްކާ" އެވެ.

އެންސީއޭ އިންތިޒާމުކޮށްގެން ބާއްވަމުން އައި ފިލްމު އެވޯޑްސް އެންމެ ފުރަތަމަ ބާއްވަމުން އައީ ގައުމީ ފިލްމު އެވޯޑްސްގެ ނަމުގަ އެވެ. ނަމަވެސް ފަހުން އެވޯޑްގެ ނަން ދިވެހި ފިލްމު އެވޯޑްސް އަށް ވަނީ ބަދަލުކޮށްފަ އެވެ.