Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމަށާއި އެމްޑީއަކަށް އޭނަ އައްޔަންކުރީ މިއަދު ކަމަށެވެ.

ފިރުޒުލް އެންމެ ފަހުން ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގަ އެވެ. ދ. ކުޑަހުވަދު އަށް ނިސްބަތްވާ ފިރުޒުލް އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނު ވެސް މެ އެވެ. އަދި ޕީއެންސީގެ ތަރުޖަމާނުކަން ވެސް އޭނަ ކުރެއްވި އެވެ.

ފިރުޒުލް އަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާ އިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަކީލު އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ނިންމުމާ ގުޅިގެން މިދިޔަ މަހުގެ 23 ގައި އިސްތިއުފާ ދެއްވުމުންނެވެ. މިހާރު އީސީގެ ރައީސްކަމަށް އައްޔަން އައްޔަން ކުރަން މަޖިލީހުން އިއްޔެ ރުހުން ދިން ޝަކީލު މެންބަރު ކަމަށް އައްޔަންކުރީ މި މަހުގެ 27 ގަ އެވެ.