ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އާ މެންބަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް މަޖިލީހުގެ ދެ ކޮމިޓީއަކުން ޖާގަ ދީފި އެވެ.
އޭނަ އަށް ދިނީ ލާމަރުކަޒީ ކޮމިޓީ އާއި އެންވަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ދެ ކޮމިޓީން ސޯބެ އަށް ފުރުސަތު ދޭން ފާސްކުރީ މިއަދުގެ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މެންބަރުންގެ އަދަދަށް އައި ބަދަލާއެކު، މަޖިލީހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަންއަށް ބަދަލު ނުގެންނާތީ މިދިޔަ ހަފުތާގައި އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ. ސޯބެއާ އެކު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 13 އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހިވާ އައްޑޫގެ ކުރީގެ މޭޔަރު ސޯބެ ކުރެއްވީ މިދިޔަ މަހުގެ 15 ގަ އެވެ. އޭނަ އެ ގޮނޑި ކާމިޔާބު މިދިޔަ މަހު ބޭއްވި ބައި-އިލެކްޝަންގައި ވާދަކުރައްވައިގެންނެވެ.
ކުރިން ޕީއެންސީގެ މެންބަރަކު ތަމްސީލު ކުރައްވަމުން ގެންދެވި އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރީގެ މެންބަރު މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި އެޕްރީލް މަހުގެ 12 ގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ.