ބޮލީވުޑްގެ ތަރި އަޔޫޝްމަން ކްރާނާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
މިއަދު ރަސްމީކޮށް އިއުލާންކުރި މި ފިލްމަކީ އެ ސްޓޫޑިއޯ އާއި ޕޯޝަން ޕާ ޕިކްޗާސް ގުޅިގެން ހަދަން ނިންމި 'މުޕާޕާ' އެވެ. އަންނަ އަހަރުގެ ފެބްރުއަރީ 19 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ސަމީރު ސަކްސޭނާ އެވެ.
ނަމަވެސް 'މުޕާޕާ' ގެ އިތުރު ކާސްޓުންނާއި މީގެ ޕްލޮޓާ ބެހޭ އެއްވެސް މައުލޫމާތެެއް އަދި ހާމައެއް ނުކުރެ އެވެ.
ވައިއާރްއެފަށް އަޔޫޝްމަން ކުރިން ތިން ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2014 ގެ 'ބޭވަކޫފިޔާ' އާއި 2015 ގެ 'ދަމް ލަގާ ކޭ ހައިޝާ' ގެ އިތުރުން 2017 ގެ 'މޭރީ ޕިޔާރީ ބިންދޫ' އެވެ.
ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި 'ޕަތީ ޕަތުނީ އޯރް ވޯ ދޯ' އެވެ. އަޔޫޝްމަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 'އުޅުތާ ތީރު' އާއި ސޫރަޖް ބަރްޖަތިއާގެ 'ޔޭ ޕްރޭމް މޯލް ލިޔާ' ހިމެނެ އެވެ.