ކަނޑުމަތިން އޮޔާދިޔަ މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:26 ހާއިރު މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.