ހެރީ ކޭންގެ ދެ ގޯލުން ކޮންގޯ 2-1 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން އިންގްލެންޑް ޖާގަ ހޯދައިފި އެވެ.
ގަދަ 16 ގައި އިންގްލެންޑް ބައްދަލުކުރާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ، މެކްސިކޯއާ އެވެ. މެކްސިކޯ ގަދަ 16 އިން ޖާގަ ހޯދީ އިކުއެޑޯ 2-0 އިން ބަލިކުރުމަށްފަހު އެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި ބްރަޔަން ސިޕެންގާ ވަނީ ކޮންގޯ އަށް ލީޑު ނަގައިދީ އިންގްލެންޑް ސިއްސުވާލާފަ އެވެ. މިއީ އިންގްލެންޑްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ލީޑު އިތުރަށް ފުޅާކޮށްލަން ކޮންގޯގެ ފުލްބެލް އާރޮން ވެންބިސާކާ އަށް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި ހާފުގައި އިންގްލެންޑުން ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެޓީމުން ވަނީ ރަނގަޅު ހަތަރު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އިންގްލެންޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮންގޯގެ ކީޕަރު ލިއޮނަލް ޕަސީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
ދެވަނަ ހާފުގައި އިންގްލެންޑުން ބަދަލުތަކެއް ގެނެސް، އެޓޭކް ދިޔައީ ވަރުގަދަކުރަމުންނެވެ. އެގޮތުން ބަދަލުގައި ކުޅެން އެރި އެންތޮނީ ގޯޑަން ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެން މެޗުގެ 75 ވަނަ މިނެޓްގައި ކޭން ވަނީ އިންގްލެންޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 86 ވަނަ މިނެޓްގައި އިންގްލެންޑް މޮޅުވި ގޯލު ކޭން ކާމިޔާބުކުރީ ކޮންގޯގެ އޭރިއާގެ ކުޑަތަންކޮޅެއް ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި ދެ ގޯލާއެކު ބްރެޒިލްގެ ލެޖެންޑް، ޕެލޭގެ ވޯލްޑް ކަޕްގެ ގޯލު ރެކޯޑު ކޭން ވަނީ މުގުރާލައިފަ އެވެ. ކޭން ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 13 ގޯލު މިހާތަނަށް ކާމިޔާބުކޮށްފަ އެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ވަނީ ފަސް ގޯލު ކާމިޔާބުކޮށްފަ އެވެ.
މިއީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ފަހަތުން އަރައި އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ.