ފަހު ވަގުތު ޖެހި ޕެނަލްޓީން 3-2 އިން ސެނެގާލް ބަލިކުރުމަށްފަހު ބެލްޖިއަމުން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
މިއީ، ބެލްޖިއަމުން 2018 ގެ ވޯލްޑް ކަޕްގެ ފަހުން ގަދަ 16 ބުރުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ގަދަ 16 ގައި ބެލްޖިއަމުން ބައްދަލުކުރާނީ އެމެރިކާ އާއި ބޮސްނިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އެމެރިކާ ސިއޭޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފެށިގެން ސެނެގާލުން ރަނގަޅަށް ކުޅެ ދިޔައީ ބެލްޖިއަމްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓްގައި ހަބީބް ޑިއާރާ ވަނީ ސެނެގާލަށް ލީޑު ނަގައިދީފަ އެވެ. މިއީ، ސެނެގާލްގެ އިސްމާއިލާ ސާ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުުކުތް ވަގުުތު ރީބައުންސަކުން ޑިއާރާ ޖެހި ގޯލެކެވެ.
އަދި ދެވަނަ ހާފްގެ ކުރީކޮޅު ސާ ވަނީ ސެނެގާލްގެ ލީޑު ފުޅާކޮށްދީފަ އެވެ. ނިއަކާޓޭ ދިން ބޯޅައަކުން ސާ މި ގޯލު ކާމިޔާބުކުރީ މޭ މަތިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ބެލްޖިއަމްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލާއެކު ބެލްޖިއަމުން ގިނަ ބަދަލުތަކެއް ގެނައިރު، މެޗުގެ 86 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ ބެލްޖިއަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އަދި އޭގެ ތިން މިނެޓް ފަހުން ސެނެގާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ބޮލުން ފޮނުވާލި ހަމަލާއަކުން ޔޫރީ ޓީލަމަންސް ވަނީ ބެލްޖިއަމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ވަނީ ކުޅެފަ އެވެ.
އެގޮތުން މި މެޗުން ބެލްޖިއަމް މޮޅުވީ އިތުރު ވަގުތުގެ ދެވަނަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ. ސެނެގާލްގެ ކުޅުންތެރިއަކު ބެލްޖިއަމްގެ ޓީލަމަންސް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ އެޓީމަށް ގަދަ 16 އިން ޖާގަ ކަށަވަރުކޮށްދިނީ ވެސް ޓީލަމަންސް އެވެ.