ބޮސްނިއާ 2-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ ޖާގަ ހޯދައިފި އެވެ.
މިއީ އެމެރިކާ އިން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެޓީމުން އެންމެ ފަހުން ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބުކުރީ 2002 ވަނަ އަހަރު އެވެ. އެފަހަރު އެމެރިކާ ބަލިކުރީ މެކްސިކޯ އެވެ.
މުބާރާތުގެ ގަދަ 16 ގައި އެމެރިކާ ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ.
މި މެޗުގައި ވެސް އެމެރިކާގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 45 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް، ފޮލަރިން ބަލަގަން އެވެ. މިއީ ބޮސްނިއާގެ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ހަމަޖެހިލާފައި ތިރިތިރިން ފޮނުވާލައިިގެން ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބޮސްނިއާގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ.
އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އެމެރިކާއިން ނިންމާލިއިރު، މެޗުގެ 64 ވަނަ މިނެޓްގައި ބަލަގަން އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާއަށް ރަތްކާޑު ދެއްކީ ބޮސްނިއާގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އެމެރިކާއިން އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން އޭގެ ފައިދާ އެންމެ އެކަށީގެންވާ ގޮތެއްގައި ބޮސްނިއާ އަށް ނެގިފައެއް ނުވެ އެވެ. މި މެޗުގައި އެމެރިކާއިން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަލިކް ޓިލްމަން އެވެ. މިއީ ބޮސްނިއާގެ އޭރިއާގެ ބޭރުން ލިބުނު ހިލެޖޭހުމަކުން ކާމިޔާބުކުރި ގޯލެކެވެ.