ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފްލެޓް 110 ގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިމާރާތަަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ރޭ 01:10 ހާއިރު މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވަ ކަމަށެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި ދެ ކުޑަކުދީންނަށާއި ތިން މީހަކަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި، ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް ވަނީ ފިހިފަ އެވެ.
މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ވަނީ ހަލާކުވެފަ އެވެ.