މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ބާއްވައިފި އެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ ހަތް ދާއިރާއަކުން އެވޯޑު ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރުކުރުމާއި އަދި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.
އަދި މާލީ ދާއިރާއަށް ކޮށްފައިވާ ހާއްސަ ހިދުމަތުގެ އެވޯޑު ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ދީފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އަދި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި 10 ބޭފުޅުންނަށް ވެސް އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އާއި އަބްދުﷲ ޖިހާދާއި ޑރ ފަޒީލް ނަޖީބާއި ޑރ އަޒީމާ އާދަމާއި އަހުމަދު ނަސީރާއި އަލީ ހާޝިމް ހިމެނެ އެވެ.
އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުން ކަމަށް އެ ތަނުން ބުންޏެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.