މި އަހަރު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އަތޮޅުތެރޭގެ އޮޑިޝަންތައް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މުބާރާތުގެ އޮޑިޝަން ފެށީ މިދިޔަ މަހުގެ 5 ގަ އެވެ.
ބާކީ މިހާރު އޮތީ މާލެ ސަރަހައްދު ހިމެނޭ ކ. އަތޮޅު އޮޑިޝަނެވެ. މާލ އޮޑިޝަން މި މަހުގެ 5-9 އަށް އަދި ކ. އަތޮޅުގެ އޮޑިޝަން މި މަހުގެ ޖުލައި 10 އާއި 11 ގައި ބާއްވާނެ އެވެ.
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު ބާއްވާ ފުރަތަމަ މުބާރާތެވެ.
މުބާރާތުގެ އޮޑިޝަން ބުރުގައި 3،050 ބައިވެރިން ވާދަކުރާ އިރު؛ އޮޑިޝަން ބުރަށް ފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، 80 ޕަސެންޓުން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ.
އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، 85 ޕަސެންޓުން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.
ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ޕެނަލްގައި ވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެ އެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން ގަދަ ތިނެއް ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން ވެސް ގަދަ ތިނެއް ހޮވުމުގެ އިތުރަށް މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން 1 ވަނަ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.
ޤައުމީ ޤުރްއާން މުބާރާތަކީ ރާއްޖޭގައި މިހާރު ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތެވެ.
މި މުބާރާތް ބާއްވަމުން އަންނަނީ 1981 އިން ފެށިގެންނެވެ.