ގައުމީ ދާރުލްއާސާރު އިތުރަށް ތަރައްގީ ކުރަން ޗައިނާއިން ފައިސާ ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި އޭނަ ވިދާޅުވީ ރާއްޖޭގެ އާސާރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އާސާރުތައް ދަރަޖަ ކުރުމާއި މިންކޮށް ބެލެހެއްޓުން ކަމަށެވެ. އެހެންވެ ގައުމީ ދާރުލްއާސާރު ތަރައްގީ ކުރެވުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ވިދާޅުވީ ދާރުލްއާސާރު މަރާމާތުކޮށް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށްޓަކައި ނުވަތަ ގައުމީ ދާރުލްއާސާރު މިހާރު ހުރި ވަރަށްވުރެ އިތުރަށް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން އަޅުގަނޑުމެން މި ދަނީ މިހާރު މަސައްކަތްތަކެއް ކުރަމުން،" ހީނާ ވިދާޅުވި އެވެ. "އެކަމަށް ބޭނުންވާ ފަންޑިންއާ އެއްޗެހި ހަމަޖެހި އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެން ދާނެ."

ގައުމީ ދާރުލްއާސާރު އިމާރާތަކީ ޗައިނާގެ ހިލޭ އެހީގައި އިމާރާތް ކުރި ތަނެކެވެ. ޗައިނާގެ ސަރުކާރުން ދާރުލްއާސާރު ރާއްޖެއާ ރަސްމީކޮށް ހަވާލު ކުރީ ޖުލައި 10، 2010، ގަ އެވެ.
އެތަން ރަސްމީކޮށް ހުޅުވީ ޖުލައި 26، 2010 ގަ އެވެ.