އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގެ ނަމުގައި ބާއްވާ މަޝްހޫރު ކްރިކެޓް މުބާރާތުގައި ވާދަކުރާ އެންމެ ފާހަގަކޮށްލެވޭ އެއް ޓީމު ކަމަށްވާ ފިލްމީ ތަރި، ޝާހްރުކް ޚާންގެ ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) ހިންގާ ނައިޓް ރައިޑާސް ގްރޫޕުން އެމެރިކާގެ ލޮސް އެންޖެލިސްގައި ކްރިކެޓް ސްޓޭޑިއަމެއް ހުޅުވައިފި އެވެ.
'ނައިޓް ރައިޑާސް ކްރިކެޓް ގްރައުންޑް، އެލްއޭ' ގެ ނަމުގައި ހުޅުވި މި ސްޓޭޑިއަމަކީ ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމެކެވެ.
އެގޮތުން އެތަނުގައި ކްރިކެޓަށް ބޭނުންވާ މުހިއްމު ގިނަ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވައިިވެ އެވެ. އަދި މިއީ އިންޑިއާގެ އަމިއްލަ ކްރިކެޓް ކުންފުންޏަކުން ބޭރު ގައުމެއްގައި ގާއިމުކުރި މިފަދަ ފުރަތަމަ ފެސިލިޓީ ވެސް މެ އެވެ.
ކޭކާއާރް ހިންގާ ނައިޓް ރައިޑާސް ގްރޫޕަކީ ޝާހްރުކާއި އޭނައާ އެކީ ގިނަ ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާގެ އިތުރުން އޭނަގެ ފިރިމީހާ ޖޭ މެހެތާ ހިއްސާވާ ކުންފުންޏެވެ.
އެ ކުންފުނިން އެލްއޭގައި ގާއިމުކުރި އިންޓަނޭޝަނަލް ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމަކީ ކްރިކެޓަށް ލޯބިކުރާ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް އެހީވާން ގާއިމުކުރި ތަނެކެވެ. އަދި އެތަނުގެ ސަބަބުން އެމެރިކާގައި ކްރިކެޓަށް ބޮޑު ދިރުމެއް އަންނާނެ ކަމަށް ނައިޓް ރައިޑާސް ގްރޫޕުން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ޝާހްރުކް ބުނީ އެލްއޭގެ ކްރިކެޓް ސްޓޭޑިއަމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި މިއީ ނައިޓް ރައިޑާސްގެ ތަސައްވުރުގެ ތެރެއިން ކުރިއަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.
ޝާހްރުކާއި ޖޫހީގެ ކޭކޭއާރް އަކީ ތިން ފަހަރަށް އައިޕީއެލްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. އެއީ 2012، 2014 އަދި 2024 ގަ އެވެ.