Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ޑްރަގްގެ ހިދުމަތް ދޭ ހިތަދޫގެ އިތުރު ގެއެއް ބަންދުކޮށްފި

އައްޑޫ ހިތަދޫގެ އިތުރު ގެއެއްގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާތީ އެ ގެ 90 ދުވަހަށް ބަންދު ކުރަން އެ އަވަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

އެ ގެ އަކީ ހިތަދޫ "މައިލޯ ސިޓީ" ގެ އެވެ.

ފުލުހުން މިއަދު ބުނީ އެ ގެ ބަންދު ކުރަން ކޯޓުން އަމުރު ނެރުނީ އިއްޔެ ކަމަށެވެ.

މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 2-156 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެތި ބޭނުންކު ރުމުގެ ހިދުމަތް ދޭ ތަނެއް ބަންދު ކުރުމަށް ހިތަދޫ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

"މައިލޯ ސިޓީ" ގެ ބަންދު ކުރުމުގެ އަމުރު ނެރުނީ އެ ގޭގައި ތަނުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށް ދެމުން ގެންދާތީ ކަމަށް ފުލުހުން ބުންޏެވެ. އެ ތަނުގައި މަސްތުވާތަކެތި ބޭނުން ކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާކަން ވެސް އަމުރުގައިވާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ފާހަގަކޮށްފައިވެ ވެ. އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނު ކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ ހިދުމަތް ދޭތީ ކުރިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދު ކުރަން އަމުރު ނެރުނު ފުރަތަމަ ގެއަކީ އެ އަވަށު ލާމިޔާގެ އެވެ. އެ ގެ 90 ދުވަހަށް ބަންދު ކުރަން މިދިޔަ މަހުގެ 8 ގައި ނެރުނު އަމުރުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ 6 އަށެވެ.

އެ އަމުރު ނެރުނު ފަހުން އެ ގެއަށް ވަދެ ނުކުމެ އުޅުނު 50 އަހަރުގެ މީހަކު ވެސް މިދިޔަ މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ ހިދުމަތް ދޭތީ މަރަދޫފޭދޫ އުއްމީދުގޭ ވެސް 90 ދުވަހަށް ބަންދުކުރަން އެ އަވަށު މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހުގެ 15 ގައި އަމުރެއް ނެރެފައިވެ އެވެ.