Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ސުކޫކް ދެއްކުމުން ރާއްޖެ އަށް އިތުބާރު ބޮޑުވެއްޖެ

މި ސަރުކާރުން ދާދި ފަހުން ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެގެ ންދިޔަ ކަމެއް ކަމަށް އާ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން އަލަށް ތަޢާރަފުކުރި "މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަ އެވޯޑްސް" ގެ ރޭގެ ހަފުލާގައި އޭނަ ވިދާޅުވީ ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ، އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ވަރުގަދަވުމަށް މަގުފަހިވި ކަމެއް ކަމަށެވެ.

ޒަރީރު ވިދާޅުވި ގޮތުގައި ސުކޫކް އަނބުރާ ދެއްކުނީ ދުރާލައި ރޭވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމުގެ ސަބަބުންނެވެ.

"ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ހިކުމަތްތެރިކަމާއެކު ރޭވުންތައް ރާވައި، މާލީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވައި ރާއްޖެއަށް އެންމެ ފައިދާހުރި ނިންމުން ނިންމުމުގެ ނަތީޖާ." އޭނަ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށާއި، އެ އަދަދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ފާހަގަކުރައްވައި، މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މިއާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި މިވަނީ ދަށްކުރެވި، އިތުރަށް ދަށަށްދާނެ މިސްރާބަކަށް ގެނެވިފައި. މިކަމުގެ ސަބަބުން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން މިވަނީ ކުރީގެ ޙާލަތަށްވުރެ ރަނގަޅުކުރެވިފައި،" ޒަރީރު ވިދާޅުވި އެވެ. "މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު އިތުރުވެފައިވާކަމުގެ ހެއްކެއް."

ޒަރީރު ވިދާޅުވި ގޮތުގައި، ސުކޫކް އަނބުރާ ދެއްކުމުން ދޭހަވަނީ ދައުލަތުގެ މާލީ ޒިންމާތައް އަދާކުރުމާއި ގައުމުގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމުގައި މުއައްސަސާތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މުހިންމުކަމެވެ. އަދި އިގްތިސާދީ އަދި މާލީ ކަންކަމުގައި ފިނޭންސް މިނިސްޓްރީ އައި އެމްއެމްއޭ އިން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ، ގައުމުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެ ދެ މުއައްސަސާއިން ގުޅިގެން މަސައްކަތް ކުރުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެ ގުޅުމުގެ ސަބަބުން، ރައްޔިތުންނަށާއި އިގްތިސާދަށް ބުރައަކަށް ނުވާނެހެން ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ގޮތުގައި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، މާލީ ނިޒާމު ވަރުގަދަކޮށް އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށްޓަކައި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް ގޮވާލައްވައިފަ އެވެ. ބައެއް ފަހަރު މާލީ ސިޔާސަތުތައް އެކުލަވައިލުމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް، އެއީ ގައުމީ މަސްލަހަތާއި އަންނާން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމަށް ވިދާޅުވި އެވެ.