Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ރޭގެ ހާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިވަހިކަން

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޭ ރޯވި ހާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގެ އެޕާޓްމަންޓެއްގައި ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 01:07 އެހާކަށްހާއިރު އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފުލުހުންނާ ހަވާލާދީ ބުނި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގިއިރު އެތަނުގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ވެސް ހިމެނެއެވެ.

އެ އިދާރާއިން ބުނި ގޮތުގައި އެ އެޕާޓްމަންޓުގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ދިރިއުޅެއެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަދި 18 އަހަރުން މަތީގެ އަންހެނަކާއި ހަތަރު ފިރިހެނުންނެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި، ހާދިސާގައި އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް ފިހިފައިވެއެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އެ މީހާއަށް އެކަނި ކަމަށް ވެސް ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ، އެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ އެއްވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށް ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ އެޕާޓްމެންޓުތަކުން އަށް ދިވެހިންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ ހަ މީހަކާއި ދެ ކުޑަކުދިންނެވެ.

ހުޅުމާލޭގައި މިފަދަ ހާދިސާތައް މިހާރު ވަރަށް އާންމުކޮށް ހިނގަމުންދާކަން ފާހަގަކުރެވެ އެވެ.