ދެން ފިލްމެއް ޑައިރެކްޓް ނުކުރާނެ ކަމަށާއި އެކަމަކު ފިލްމުތައް ޕްރޮޑިއުސްކުރުމުގައި ދެމިހުންނާނެ ކަމަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު މަހޭޝް ބަޓް ބުނެފި އެވެ.
މިހާރު އުމުރުން 77 އަހަރު މަހޭޝް މިހާތަނަށް 47 ފިލްމު ޑައިރެކްޓްކޮށްފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ ދަރިފުޅު އާލިއާ ބަޓް ވެސް މުހިއްމު ރޯލެއް ކުޅުނު 2020 ގެ 'ސަޅަކް 2' އެވެ. އެ ފިލްމަކީ މަހޭޝްގެ ދޮށީ ދަރިފުޅު ޕޫޖާ ބަޓާ އެކު 1991 ގައި ގެނެސްދިން 'ސަޅަކް' ސީކްއެލް އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނީ ޑައިރެކްޝަނާ ދުރުވިޔަސް ފިލްމީ މަސައްކަތްތަކާ ދުވަހަކު ވެސް ވަތްކެއް ނުވާނެ ކަމަށެވެ. އެހެންވެ ފިލްމު ޕްރޮޑިއުސްކުރުމާއި ސްކްރިޕްޓްތައް ޑިވެލޮޕް ކުރަން އެހީވެ ދިނުމުގައި ދެމިހުންނާނެ ކަމަށް ބުންޏެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް މަހޭޝް ޕްރެޒެންޓްކޮށް ދޭ ގޮތަށް 'ނާމް: ޓު ލިވް އިޒް ވޯ' ގެ ނަމުގައި ފިލްމެއް އިއުލާންކޮށްފައިވެ އެވެ. ސްކްރިޕްޓަށް ވެސް އޭނަގެ އެހީތެރިކަން ލިބުނު އެ ފިލްމަކީ ސިދާންތު ސަޗްދޭވް އެވެ. ފިލްމުގެ ކާސްޓުންނަކީ ވީރު ޕަހަރިއާ އާއި ވަރޫން ޝަރުމާ އެވެ.
މަހޭޝް ޑައިރެކްޝަނަށް ނުކުތީ 1974 ގެ 'މަންޒިލޭ އޯރް ބީ ހޭ' އިންނެވެ. އޭގެ ފަހުން 1980-1999 އާ ހަމައަށް އޭނަ ވަރަށް ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 'އަރުތު'، 'ނާމް'، 'އާޝިގީ، 'ދިލް ހޭ ކި މާންތާ ނެހީ' އަދި 'ގުމްރާހް' ހިމެނެ އެވެ.
ފިލްމުތަކުގެ އިތުރުން މަހޭޝް ޓީވީ ސިލްސިލާތަކެއް ޑައިރެކްޓްކޮށް، ޕްރޮޑިއުސް ވެސް ކޮށްފައިވެ އެވެ.
މަހޭޝް ޑައިރެކްޝަނާ ދުރުވި އިރު، މި ފަހުން ބޮލީވުޑުން ރިޓަޔަކުރި ޑައިރެކްޓަރަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑޭވިޑް ދަވަނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ގެނެސްދިން 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އެވެ.