ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން މި ދުވަސްވަރު 8،000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށާއި މިއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލަށް ނުދާ ކުދިންގެ ތެރެއިން 40 އިންސައްތަ ކުދިންނަކީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލުތަކަށް ނިސްބަތްވާ ކުދިން ކަމަށެވެ. ސްކޫލަށް ހާޒިރުނުވެ ފިލާވަޅުތައް ގެއްލޭނަމަ، އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންގެ ޖުމްލަ ނަތީޖާއަށް ކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން އެބަޖެހޭ. ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް އެއީ ނުބައި އަސަރެއް ކުރާނެ ދުވަހެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ދަރިވަރުން ސްކޫލަށް ދާ މިންވަރު ބެލުމަށް މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ވަޒަންކުރަން ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލަށް ނުދިއުމުގެ އާދަ ހަރުލައިފިނަމަ، ދަރިވަރުން ސްކޫލަށް ދާން ބޭނުންނުވާ ހާލަތަކަށް ގޮސްދާނެ ކަމަށެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެންމެ ކުއްޖަކު ވެސް ސްކޫލަށް ނުގޮސް ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.