ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށާއި، އެތަން ބޭނުންނުކޮށް ބޭއްވުމަކީ އުތުރުގެ ތަރައްގީއަށް މި ސަރުކާރުން އަޅާ ހުރަހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިގު ދަތުރުތައް ކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެއް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ދާދިފަހުން ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށާއި އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއް ކަމަށެވެ. އަދި މިއީ މިހާރު ވެސް އެތައް މިލިއަން ފަސިންޖަރުން ދަތުރުކުރުމަށް ބޭނުންކުރާ އެއާޕޯޓުތަކެއް ހުރި ގައުމުތަކެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޔޫރަޕާއި، ޗައިނާ އަދި އެހެން މަންޒިލްތަކުގެ ފަތުރުވެރިންނަށް ވެސް އެ އެއާޕޯޓުތަކުން ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެ ކަމަށާއި ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައި ކަމަށްވާއިރު މިވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބިން އޮތީ ހަމަޖައްސާފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވަނީ އެ ޕްރޮޖެކްޓު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުގެ އަގު އުފުލުނުއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަަށް ވިދާޅުވެފަ އެވެ. އަދި ފަތުރުވެރިކަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.