މަދީނާގައި ބިނާކުރެވުނު މަސްޖިދުއް ޟިރާރު (ގެއްލުންދެނިވި މިސްކިތް) އަކީ އިސްލާމީ ތާރީޚުގައި ވަރަށް ފާހަގަކޮށްލެވޭ އަދި އެއިން ބޮޑެތި އިބުރަތްތަކެއް ހާސިލުކޮށްދޭ ހާދިސާއެކެވެ. ކީރިތި ޤުރްއާނުގެ ސޫރަތުއް ތައުބާގެ 107 އާއި 110 ވަނަ އާޔަތުގައި މި މިސްކިތުގެ ވާހަކަ ބަޔާން ކުރައްވައިފައިވެ އެވެ.
ޞައްޙަ ތާރީޚީ މަޞްދަރުތަކާއި ތަފްސީރުލް ޤުރްއާނުގެ އަލީގައި، މި މިސްކިތް ބިނާކުރި ސަބަބާއި، އެތަނާ މެދު ރަސޫލާ صلى الله عليه وسلم ޢަމަލުކުރެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.
މި މިސްކިތް ބިނާކުރީ މަދީނާގައި ތިބި މުނާފިޤުންގެ ބަޔަކެވެ. ބޭރުފުށުން އެއީ އަޅުކަންކުރާ ބިނާއެއްގެ ގޮތުގައި ދެއްކި ނަމަވެސް، އޭގެ ޙަޤީޤީ މަގުސަދުތަކަކީ، މުސްލިމުންނަށް ގެއްލުންދީ، މުސްލިމުންގެ މެދުގައި ފިތުނަ އުފައްދައި، އިސްލާމް ދީނަށް ގެއްލުން ދިނުމެވެ. ކުފުރުގެ މަރުކަޒަކަށް ހެދުމެވެ.
އިސްލާމް ދީނާ ދެކޮޅަށް ރޭވުންތައް ރޭވުމަށް ސިއްރު މަރުކަޒެއް ގާއިމުކުރުމެވެ. މުސްލިމުންގެ ސަފުތައް ބައިބައިކުރުމެވެ. މީގެ ކުރިން ބިނާކުރެވުނު މަސްޖިދު ގުބާގެ ޖަމާޢަތް ވަކިކޮށް، މުސްލިމުންގެ އެއްބައިވަންތަކަން ނަގައިލުމެވެ. އިސްލާމް ދީނާ މެދު ނުނިޔަތްލާ ދުޝްމަނުންނަށް ހިމާޔަތް ދިނުމެވެ.
މާތް ﷲ އަދި އެކަލާނގެ ރަސޫލާ صلى الله عليه وسلم އާ ހަނގުރާމަކުރި އަބޫ ޢާމިރު އަލްރާހިބު (މުނާފިޤުންގެ ވެރިއެއް) މަދީނާއަށް އަންނަންދެން، އޭނާއަށް ބޭނުންވާނެ ޖާސޫސީ މަރުކަޒެއް ތައްޔާރުކުރުމެވެ. މުނާފިޤުން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ގޮސް ދެންނެވީ، ބަލިމީހުންނާއި ވިއްސާރަ ރޭރޭގައި ނިކަމެތިންނަށް ނަމާދުކުރަން ހެދި ތަނެއް ކަމަށެވެ. އަދި ބަރަކާތް ހާސިލުކުރުމުގެ ގޮތުން އެތަނުގައި ނަމާދެއް ކޮށްދެއްވުމަށް އެދި ދެންނެވިއެވެ.
އެވަގުތަކީ ރަސޫލާ صلى الله عليه وسلم ތަބޫކު ހަނގުރާމައަށް ފުރައިވަޑައިގަންނަވަން ތައްޔާރުވަމުންގެންދެވި ވަގުތު ކަމުން، ހަނގުރާމައިން އެނބުރި ވަޑައިގެން އެތަނަށް ވަޑައިގަންނަވާނެ ކަމަށް ޙަދީޘްކުރެއްވިއެވެ.
ރަސޫލާ صلى الله عليه وسلم ހަނގުރާމަ ނިންމަވައިލެއްވުމަށްފަހު، މަދީނާއާ ކައިރިއަށް (ޛުލްއަޥާން ކިޔާ ހިސާބަކަށް) ވަޑައިގަތް ވަގުތު، ޖިބްރީލްގެފާނު ވަޑައިގެން، އެ މިސްކިތުގެ ޙަޤީޤީ ނިޔަތާއި މުނާފިޤުންގެ ރޭވުން ﷲ ތަޢާލާ ވަޙީގެ ޒަރީޢާއިން އަންގަވައިދެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
﴿وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ اللَّهَ وَرَسُولَهُ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَىٰ ۖ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ * لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ * أَفَمَنْ أَسَّسَ بُنْيَانَهُ عَلَىٰ تَقْوَىٰ مِنَ اللَّهِ وَرِضْوَانٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَانَهُ عَلَىٰ شَفَا جُرُفٍ هَارٍ فَانْهَارَ بِهِ فِي نَارِ جَهَنَّمَ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ * لَا يَزَالُ بُنْيَانُهُمُ الَّذِي بَنَوْا رِيبَةً فِي قُلُوبِهِمْ إِلَّا أَن تَقَطَّعَ قُلُوبُهُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ﴾ (سورة التوبة 107-110)
މާނައީ: "އަދި (مؤمن ންނަށް) ގެއްލުން ދިނުމަށާއި، كافر ކަމަށާއި، مؤمن ންގެ ދެމެދުތައް ވަކިކުރުމަށާއި، ކުރިން اللَّه އާއި رسول އާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލާ ތިބުމަށާއި (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި، އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަމަށް، اللَّه ހެކިވެވޮޑިގެންވެތެވެ. ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) قائم ވެ ނުހުންނަވާށެވެ! ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوى ގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: قُباء މިސްކިތުގައި) ކަލޭގެފާނު قائم ވެ ހުންނެވުން މާ حق ކަން ބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. طاهر ވެގަންނަ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. ފަހެ، ހެޔޮކަންބޮޑީ، اللَّه އަށް تقوى ވެރިވުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: نفاق ކަންމަތީގައި) އެމީހެއްގެ ބިނާގެ ބިންގާ އަޅައި، އެ ބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާ ހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. އެއުރެންގެ ހިތްތައް ބުރިބުރިވެގެން ދިއުމުން މެނުވީ، އެއުރެން ބިނާކުޅަ ބިނާ، އެއުރެންގެ ހިތްތަކުގައިވާ شك އެއް ކަމުގައި ފިލައިނުދެތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ."
ރަސޫލާ صلى الله عليه وسلم މަދީނާއަށް ވެދެވަޑައިގަތުމުގެ ކުރިން، މި ކަން އެނގިވަޑައިގަތުމުން އެމިސްކިތް ތަޅާ ސުންނާފަތިކުރަން އަމުރުކުރެއްވިއެވެ. ސަޙާބީންގެ ތެރެއިން މާލިކް ބިން އައްދަޚްޝަމް އާއި މަޢުނު ބިން ޢަދިއްޔު (ނުވަތަ ޢާޞިމް ބިން ޢަދިއްޔު) އެ މިސްކިތް ހުރި ތަނަށް ފޮނުއްވިއެވެ. އެ ބޭކަލުން ވަޑައިގެން އެތަނުގައި ރޯކޮށްލައްވައި، ބިނާ މުގުރާލެއްވިއެވެ. މުނާފިޤުން އެތަނުން ފިލައިގެން ދިޔައެވެ. މާތް ﷲ ތަޢާލާ ވަނީ އެތަނުގައި ދުވަހަކުވެސް ނަމާދަށް ނުކޮޅަށް ނުހުންނެވުމަށް ރަސޫލާ صلى الله عليه وسلم އަށް އަމުރުކުރައްވާފައެވެ.
﴿لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ﴾ (سورة التوبة 108)
މާނައީ: "ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) قائم ވެ ނުހުންނަވާށެވެ! ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوى ގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: قُباء މިސްކިތުގައި) ކަލޭގެފާނު قائم ވެ ހުންނެވުން މާ حق ކަން ބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. طاهر ވެގަންނަ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."
މަސްޖިދުއް ޟިރާރުގެ ހާދިސާއަކީ ހަމައެކަނި އިމާރާތެއް ނައްތާލުމުގެ ހާދިސާއެއް ނޫނެވެ. މިއީ މުނާފިޤުންގެ ނުރައްކާތެރި ރޭވުންތަކެއް ބަޣާވާތަކަށް ބަދަލުވާން އުޅެނިކޮށް، ވަޙީގެ އަލީގައި އެކަން ހުއްޓުވި ބޮޑު ތާރީޚީ ހާދިސާއެކެވެ. މިއިތުރު ތަފްޞީލުތަކަށް ބަލާލަމާ ހިނގާށެވެ.
މިސްކިތް ބިނާކުރުމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ އަބޫ ޢާމިރު އަލްރާހިބުއެވެ މީނާއަކީ މަދީނާގެ ޚަޒްރަޖު ގަބީލާގެ މީހެކެވެ. މުސްލިމުން އޭނާއާ މުޚާޠަބުކުރަނީ އަބޫ ޢާމިރު އަލްފާސިޤު ނަމުންނެވެ. އޭނާއަކީ އިސްލާމްދީނުގެ ކުރިން މަދީނާގައި ހުރި ނަޞާރާ ދީނުގެ ރާހިބެކެވެ. ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމުން، އޭނާގެ މަގުބޫލުކަން ގެއްލިދާނެތީ ހަސަދަވެރިވި އެވެ. އޭނާ އިސްލާމްދީނާ ދެކޮޅަށް ހަނގުރާމަކޮށް، އުޙުދު ހަނގުރާމައިގައި މުޝްރިކުންނާ ބައިވެރިވިއެވެ.
އުޙުދު ހަނގުރާމައިގައި ރަސޫލާ صلى الله عليه وسلم ވެއްޓިވަޑައިގަތް ވަޅުގަނޑުތައް ކޮނުނީވެސް މިކަލޭގެއެވެ. މުސްލިމުން މަދީނާގައި ބާރުގަދަވުމުން އޭނާ ރޫމް ކަރައަށް (ބައިޒަންޓައިން އެމްޕަޔަރ) ގޮސް، ރޫމްގެ ރަސްގެފާނުގެ އެހީގައި މަދީނާއަށް ހަމަލާ ދޭން ރޭވި އެވެ. އަދި މަދީނާގައި ތިބި މުނާފިޤުންނަށް ސިޓީއެއް ފޮނުވައި، އޭނާ ރޫމްގެ ލަޝްކަރަކާއެކު އަންނާނެ ކަމަށާއި، އެމީހުން މަދީނާގައި ތައްޔާރުވެ ތިބުމަށް އެންގިއެވެ. އަދި އެއްވެލާނެ މަރުކަޒެއްގެ ގޮތުން "މިސްކިތެއް" ބިނާކުރުމަށް ލަފާ ދިނެވެ.
މުނާފިޤުންގެ އުޒުރާއި ރަސޫލާ صلى الله عليه وسلم އަށް ދޮ ގުހެދުން:
މުނާފިޤުން މި މިސްކިތް ބިނާކޮށް ނިންމާފައި، ރަސޫލާ صلى الله عليه وسلم ތަބޫކު ހަނގުރާމައަށް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް އަރިހަށް އައިސް ގޮސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ތިމަންމެން ވާރޭވެހޭ ރޭރެޔާއި، ފިނި ރޭރޭގައި ބަލިމީހުންނާއި ނިކަމެތިންނަށް ނަމާދުކުރެވޭނެ ބިނާއެއް ހަދައިފީމެވެ.
ކަލޭގެފާނު ވަޑައިގެން އެތަނުގައި ނަމާދެއް ކޮށްދެއްވައި ބަރަކާތްލައްވައިފުމަށް އެދެމުއެވެ. މުނާފިޤުން ބޭނުންވީ ރަސޫލާ صلى الله عليه وسلم އެތަނުގައި ނަމާދުކުރެއްވުމުން، އެއީ "ޞައްޙަ މިސްކިތެއް" ކަމުގެ ރަސްމީ ސަނަދު ހޯދާށެވެ.
ތާރީޚީ ރިވާޔަތްތަކުގައިވާ ގޮތުން:
މިކަމަށް ފޮނުއްވި ބޭކަލުންގެ ތެރޭގައި މާލިކް ބިން އައްދަޚްޝަމް އާއި މަޢުނު ބިން ޢަދިއްޔު ހިމެނިވަޑައިގަންނަވައެވެ. އެބޭކަލުން ވަޑައިގަތީ މަސްޖިދު ގުބާ ހުރި ސަރަހައްދަށެވެ. މާލިކްގެފާނު އެކަލޭގެފާނުގެ ގޭގެ މީހުން ކައިރިން އަލިފާންގަނޑެއް ހިއްޕަވައިގެން ވަޑައިގެންނެވިއެވެ. އަދި އެބޭކަލުން ވަޑައިގަތްއިރު، މުނާފިޤުންގެ ބަޔަކު އެތަނުގެތެރޭގައި ތިއްބެވެ. އެބޭކަލުން އެ މިސްކިތުގައި އަލިފާން ރޯކޮށްލައްވައި، ބިނާ މުގުރާލެއްވިއެވެ.
ޙަޤީޤީ މިސްކިތާއި ގެއްލުންދެނިވި މިސްކިތުގެ ތަފާތު (ޤުރްއާނުގެ އަލީގައި)
މާތްﷲ ތަޢާލާ ސޫރަތުއް ތައުބާގައި، މަސްޖިދުއް ޟިރާރާއި މަސްޖިދު ޤުބާ (ނުވަތަ މަސްޖިދުއްނަބަވީ) އާ އަޅައިކިޔުއްވައި ބަޔާން ކުރައްވައިފައިވެ އެވެ.
މަސްޖިދުއް ޟިރާރު (މުނާފިޤުންގެ މިސްކިތް)
1. ޟިރާރު މިސްކިތް ބިނާކުރެވުނީ ގެއްލުންދިނުމަށާއި، ކުފުރަށާއި، މުސްލިމުން ބައިބައިކުރުމަށެވެ.
2. ޟީރާރު މިސްކިތް ބިނާކުރި މަކަރުވެރި، ދޮގުވެރި މުނާފިޤުންނެވެ.
3. މާތް ﷲ ރަސޫލާ އަށް އަމުރުކުރެއްވީ އެތަނުގައި ދުވަހަކުވެސް ނަމާދަށް ނުކޮޅަށް ނުހުންނެވުމަށެވެ.
ތަޤުވާގެ މައްޗަށް ބިނާވި މިސްކިތް (މަސްޖިދު ޤުބާ)
1. ޤުބާ މިސްކިތް ފުރަތަމަ ދުވަހުން ފެށިގެންވެސް ބިނާކުރެވުނީ ތަޤުވާވެރިކަމުގެ މައްޗަށެވެ.
2. ޤުބާގައި މިސްކިތުގައި ތިބީ ޠާހިރުވުމަށް ލޯބިކުރާ މުއުމިނުންނެވެ.
3. މާތް ﷲ ރަސޫލާ އަށް އަމުރުކުރެއްވީ "އެތަނުގައި ކަލޭގެފާނު ނަމާދަށް ހުންނެވުން މާ ހައްގުކަން ބޮޑެވެ"
ފިޤުހީ އަދި ތަރުބަވީ ފިލާވަޅުތައް:
1. ފިތުނަ އުފައްދާ ތަންތަން ނައްތައިލުން، މުސްލިމުންގެ މެދުގައި ފިތުނަ އުފައްދައި، ދީނަށް ގެއްލުންދޭން ހަދާ ކޮންމެ ބިނާއެއް (އެއީ މިސްކިތެއްގެ ނަމުގައި ހެދިޔަސް) ތަޅާލުމުގެ ހުއްދަ ވެރިޔާއަށް އޮތްކަން މި ހާދިސާއިން ސާބިތުވެ އެވެ. އިމާމް ޤުރުޠުބީ ވިދާޅުވެފައިވަނީ، މިސްކިތެއް ހެދުމުގެ މަޤުސަދަކީ އަނެއް މިސްކިތަށް ގެއްލުންދިނުން ނުވަތަ ބައިބައިކުރުން ކަމުގައިވާނަމަ އެތަން ތަޅާލަންޖެހޭނެ ކަމަށެވެ.
2. ބޭރުފުށުގެ ސޫރައަށް ނުބެލުން، އިސްލާމްދީނުގައި ކަންކަން މިނަނީ އޭގެ ނިޔަތާއި ހަގީގަތުގެ މައްޗަށެވެ. އިމާރާތެއްގެ ބޭރުގައި "މިސްކިތް" ޖެހިޔަސް، އޭގެ ހަގީގީ ބޭނުމަކީ ނުބައިކަމެއް ނަމަ، އެއަށް މިސްކިތުގެ ޙުރުމަތެއް ނުލިބޭނެ އެވެ.
3. ޝަރުޢީ ސިޔާސަތަށް ބަލާއިރު، މުނާފިޤުންގެ ނުރައްކާތެރިކަން ބޮޑުވުމުން، މުސްލިމުންގެ މުޖުތަމައުގެ ސަލާމަތަށްޓަކައި ހަރުކަށި ފިޔަވަޅު އެޅުމަކީ ލާޒިމްކަމެކެވެ.
ނިންމުން:
ފަހުން އެ ބިމަކީ ކުނި އަޅާ އަދި ނަޖިސް އުކާލާ ތަނެއްގެ ގޮތުގައި ބޭނުންކުރެވުނު ތަނެވެ. މި ހާދިސާއިން ލިބޭ މުހިންމު ފިލާވަޅަކީ ބިނާއެއްގެ ނަމަކީ "މިސްކިތް" ކަމުގައި ވިޔަސް، ނުވަތަ ކުރާ ކަމަކީ ބޭރުފުށުން ހެޔޮކަމެއް ކަމަށް ފެނުނަސް، އޭގެ އަސާސަކީ މުސްލިމުން ބައިބައިކުރުމާއި ދީނަށް ގެއްލުން ދިނުން ކަމުގައިވާ ނަމަ، އެއީ ނައްތައިލަން ޖެހޭ ފިތުނައިގެ މަރުކަޒެއް ކަމެވެ. އިސްލާމް ދީނުގައި ބަލަނީ ހަމައެކަނި ބޭރުފުށުގެ ބިނާއަކަށް ނޫނެވެ. ނިޔަތާއި އޭގެ މަގުސަދަށެވެ.
ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.