Last Updated: July 3, 02:38
Thursday, July 2, 2026
ޚަބަރު

ނުކުޅެދޭ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަންނަން އެދިއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ގާނޫނު އަސާސީގެ 35ވަނަ މާއްދާއިން ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ފަރާތްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޚްތިރާމް ކުރުމާއި، އަމިއްލަވަންތަކަމާއި، އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ފަރާތްތަކަށް ލިބިގެންވާ ޙައްްޤެއް ކަމަށާއި ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ފަދަ ބަހުރުވަ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުން ކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ ފަދަ މުޖުތަމައެއް ބިނާކުރުމަށް އެޅޭ ހުރަހެއް ކަމަށް ބަޔާނުގައިވެ އެވެ.

އަދި މިފަދަ ކަންކަން މުޖުތަމައުގައި އާންމުވެގެން ދިއުމަކީ މިފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އިޖުތިމާޢީ ހަރަކާތްތަކުގައި އެފަރާތްތަކުގެ ބައިވެރިވުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި މަލާމާތް ރައްދުވާ ފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ކޮމެންޓުތަކެއް އާންމުވެފައިވާތީ، އެ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް ގޮވާލާފަ އެވެ. އަދި އެފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކުރުމަށް ދައުލަތުން ކުރާ މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.