Last Updated: July 3, 02:38
Thursday, July 2, 2026
ކުޅިވަރު

ސްޕެއިނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު

ސްޕެއިނަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށް އެޓީމުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި ސްޕެއިނުން މިރޭ އޮސްޓްރިއާ އަށް ދެކޮޅަށް ނިކުންނާނެ އެވެ. ސްޕެއިނަކީ އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަނުންނެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޑެލަ ފުއެންޓޭ ބުނީ ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، ޓީމަށް އޮތް އިތުބާރު ދަނީ އިތުރުވަމުން ކަމަށާއި އެގޮތުން އޭނާގެ ނަޒަރުގައި ސްޕެއިން ޓީމަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށެވެ.

މި މުބާރާތަކީ އާދަޔާ ހިލާފު ވާދަވެރިކަމެއް ފެނިގެންދާ މުބާރާތެއް ކަމަށާއި ބައެއް މީހުން ހީކުރި ވަރާ ގާތަށް ވެސް، ހީނުކުރާ ފަދަ ނަތީޖާތަކެއް އަދި ފެނިފައި ނުވާއިރު، ޓީމާއި މެދު އޮތް އުއްމީދު ކުރިއަށް ވުރެ ވެސް ބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ކާމިޔާބީއާ އެންމެ ގާތަށް ދެވޭނީ ކޮންމެ ހާލަތަކާ ވެސް އެންމެ ފުރިހަމައަށް ކުރިމަތިލައި، ކަންކަން ކޮންޓްރޯލް ކުރެވޭ ޓީމަކަށް ކަމަށާއި އެހެން ފަރާތްތަކުން ސްޕެއިން ޓީމާއި މެދު ކުރާ އުންމީދުތަކަށް ވުރެ، ސްޕެއިންގެ ޓީމުގެ އަމިއްލަ އުންމީދުތައް މާ މަތި ކަމަށްވެސް އޭނާ ބުންޏެވެ.

ސްޕެއިނާއި ދެކޮޅަށް އޮސްޓްރިއާއާ ގުޅޭގޮތުން ޑެލަ ފުއެންޓޭ ވަނީ އެއީ ވަރުގަދަ ޓީމެއް ކަމަށާއި އޮސްޓްރިއާ ޓީމުން ފަހަތަށް ޖެހިގެން ކުޅޭ ނަމަ، ސްޕެއިން ޓީމުން ޖެހޭނީ ބޯޅަ ހަލުވިކޮށް ދައުރުކޮށް، ހަނި ޖާގަތަކުގައި ވެސް ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން ކަމަށް ބުނެފަ އެވެ.

ސްޕެއިން އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.